ރައީސް ޔާމީނު ހުންނެވީ ފިސާރި ގަދަކޮށްކަމަށާ، އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެކަމަށް ވިދާޅުވިކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއެކު ރައީސް ޔާމީނާ ބައްދަލުކުރަން މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތަކަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
" ރައީސް ޔާމީނާ މިއަދު ބައްދަލުވި. ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް.އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް.މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް.ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް." އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނާ މިއަދު ބައްދަލުވި.ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް.އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް.މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް.ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް.#RY2023 #HOPEconference #IndiaOu pic.twitter.com/7kIRcDyfR9
— Abdul Raheem Abdulla (@Banafsaa) January 18, 2023
ޚިޔާނާތުގެ ކުށް ސާބިތުވެ ދަށުކޯޓުން ވަނީ 11 އަހަރުގެ ޖަލުޙުކުމެއް ރައީސް ޔާމީންގެ މައްޗަށް އިއްވާފައެވެ. އެހެންނަމަވެސް އެޙުކުމަކީ ހަރާން ހުކުމެއްކަމަށާ، އެއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާފަކުރެއްވުނަ ނުދޭން ކޮށްފައިވާ ޙުކުމެއްކަމަށް އިދިކޮޅުފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ރައީސް ޔާމީން ޖަލަށް ލީއްސުރެ އިދިކޮޅުފަރާތްތަކުން އަންނަނީ "ހަރާން ހުކުމް ބާޠިލްކުރޭ!"ގެ ނަމުގައި މާލޭއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. މިމުޒާހަރާތަކުގައި އިދިކޮޅުގެ ވަރަށް ގިނަ މީހުން ހައްޔަރުވެސް ކުރެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރަން އެމަނިކުފާނުގެ ފަރާތުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ދަށުކޯޓުގެ ޙުކުމާގުޅޭ ލިޔެކިއުންތައް ލިބުން ލަސްވެ އެމަސައްކަތް ބޭނުންވާރަށްވުރެ ލަސްވެފައިވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ.
ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ދަށުކޯޓުން ކޮށްފައި އޮތް ޖަލުޙުކުމް އެހެން އޮތްހާހިނދަކު އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ.
ކޮމެންޓު ފޮނުވާ