ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ ރައީސް ހައްދަވަނީ އިތުރުފުޅެއް: ނަޝީދު

ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ ރައީސް ހައްދަވަނީ އިތުރުފުޅެއް: ނަޝީދު

Author
ހުސެއިން
18 ޖެނުއަރީ 2023 06:52
0

ރާއްޖޭގައި އޮންނަން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެ ރައީސް ސާލިހު ހައްދަވަމުން ގެންދަވަނީ އިތުރުފުޅެއް ކަމުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ ރޭ ދިވެހި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި، ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ރައީސް ސާލިހު ވިދާޅުވާކަމަށް ޕްރެސެންޓަރު ވިދާޅުވުމުން ނަޝީދު ވިދާޅުވީ ރައީސް ސާލިހު ހައްދަވަމުން ގެންދަވަނީ އިތުރުފުޅެއް ކަމުގައެވެ.

އެއީ ދޮގެއް. އެއީ ދޮގެއް. އެއީ ދޮގެއް. އެމަނިކްފާނު ތާއީދު ކުރައްވަނީ.. އެމަނިކްފާނުގެ ބަސްފުޅުތައް ބައްލަވާ ސިޔާސީ މައިދާނަށް އެމަނިކްފާނު ނިކުތީއްސުރެ ފަށައިގެން ވިދާޅުވެފަހުރި އެއްޗިހި. ކަނޑައެޅިގެން އެއީ އިތުރުފުޅެއް އެ ހައްދަވަނީ.

ދިވެހި ޗެނަލްގައި ވާހަަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ނަޝީދު އިތުރަށް ވިދާޅުވީ ރަދުން ބަހައްޓައިގެން ރަދުންގެ ހުރިހާ ސިފަތައް ރައީސުލްޖުމްހޫރިއްޔާއަށް ފުރޮޅާލައިގެން ސަނާކިޔަމުން ދިއުމަކީ އެންމެ ރަގަޅު އުސޫލެއް ނޫންކަމުގައެވެ. އަދި ވިދާޅުވީ، އެންމެ މޮޅު ގޮތަކީ ބޮޑުވަޒީރާއި ވަޒީރު ބޭފުޅުން އެއްތަނެއްގައި ތިއްބަވައިގެން، ހިޔަނި ވަޒީރުންވެސް ތިއްބަވައިގެން، ސަރުކާރު ޖަވާބު ދާރީ ކުރުވައިގެން ދެފުށް ފެންނަ އުސޫލަކުން ސަރުކާރުން ހިންގުން ކަމުގައެވެ.

ދެން އެހެން ގޮތެއް މާމޮޅު އޮވެއްޖެއްޔާ އަޅުގަޑުމެންނަށް އެގޮތް ހެދިދާނެ. ކުޑަ ގައުމެއް ޚާއްސަކޮށް ދުނިޔެއަކު ނެތޭ އިނގޭތޯ ވަރަށް މަދު ގައުމެއްގަ ނޫނިއްޔާ ޚުދުމުޚުތާރު ވެރިކަމެއް ހިންގާން ބޭނުންވާ ތަނެއް ނޫނީ މިބާވަތުގެ ރިޔާސީ ނިޒާމް ހިންގާ ތަނެއް ނެތް.

މި އިންޓަވިއުގައި ނަޝީދު ވިދާޅުވީ މިހާރު ބޭނުންކުރެވޭ ގާނޫނު އަސާސީވެސް ބައްޓަން ކޮށްފަ އޮތީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމުގައި ވެރިކަން ހިންގަނީ އިއްތިހާދުވެގެން ކަމަށާއި، ރާއްޖޭގައި މިހާރުވެސް ވެރިކަން ހިންގަމުން ދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.