އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގައި ވޯޓުލުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، އަޝްފާޤަށް މި ރަންވަނަ ހޯދަން ވޯޓް ދިނުމަށް ދިވެހިން ތިބީ ކެތްމަދު ވެފައެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދަނީ އަޝްފާޤަށާއި، ޤައުމަށް މި ރީތިނަން ހޯދުމުގެ ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ މަސައްކަތުންނެވެ.
ކެންޕެއިން ޓީމުން ރެއާއި ދުވާލު ވޯޓް ހޯދުމަށް ސޯޝަލް މީޑިޔާގައާއި، އާންމުން އެއްވެ އުޅޭ ތަންތަނުގައި ފަސޭހައިން ފެންނަން ހުންނާނެހެން ވޯޓްލާނެ ގޮތް ކިޔައިދޭނެ ބޯޑުތަކާއި، ނޯޓިސްތައް ތައްޔާރު ކުރުމުގައި ވަރަށް އަވަދި ނެތިކޮށް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިމަސައްކަތް ފުޅާކޮށް ޤައުމީ ފެންވަރެއްގައި ކުރުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއިވެސް ކެންޕެއިން ޓީމުން ވަނީ މިއަދު ބައްދަލުކޮށްފައެވެ. އަދި މިކަމުގައި މިޤައުމުގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ ތާއީދާއި ސަޕޯޓް ލިބިގެން ދިއުމަކީ ކެންޕެއިން ޓީމުން ކުރަމުންދާ އުންމީދެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
އަޝްފާގު ޖަހާފައިވާ ގޯލާއި، އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ ޖަހާފައިވާ ގޯލަށް އެކަނި ބަލައިލުމުންވެސް ބަލާހިތުން ބަލާލައި، ގައިން ހީބިހި ނަގާފަދަ ހިތްގައިމު ގޯލެއް ޖަހާފައިވަނީ އަޝްފާޤު ކަމާއިވެސް ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. މިގޯލަކީ ތަފާތު މޮޅު ގޯލެއްކަން ސާބިރުކޮށްދެނީ މިއަދު އަޝްފާޤާއިއެކު ދިވެހިން ކުރި މައްސަކަތުން އޭނާ ފައިނަލުގައި އޮތުމެވެ.

ބަރްކެޓް ޗެލެންޖުގެ ފައިނަލް ބުދަ ދުވަހު ފަށާއިރު، އާދީއްތަ ދުވަހާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 5 ދުވަހުގެ ތެރޭގައި ވޯޓް ލުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ގިނަ ދުވަސްތަކެއްކަމަށް ދެކި ފަހު ދުވަހު ނޫނީ ފަހު ވަގުތު ވޯޓު ދިނުމަށް ލަސްނުކޮށް ވޯޓުލާން ހުޅުވާލާ ވަގުތުން ފެށިގެން އަޝްފާގު ކުރީގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާއި ހަމަޔަށް ވޯޓްލައި ނިމެންދެން އެއްވާނެއްގައި ހިފަހައްޓާލެވިއްޖެނަމަ މިއީ އަޝްފާޤާއިއެކު ދިވެހިން ފަހުރުވެރިވާނެ ފަރަކަށް ވާނެއެވެ.
ކޮމެންޓު ފޮނުވާ