ޝަންގްރިއްލާ ރިސޯޓުގެ ގެއްލުން 70 މިލިއަން ޑޮލަރަށް އަރާ، އިހުމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅާން ޖެހޭނެ: ރައީސް

ޝަންގްރިއްލާ ރިސޯޓުގެ ގެއްލުން 70 މިލިއަން ޑޮލަރަށް އަރާ، އިހުމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅާން ޖެހޭނެ: ރައީސް

Author
ހުސެއިން
13 ޖެނުއަރީ 2023 07:03
0

އައްޑޫ ސިޓީގެ ޝަންގްރިއްލާ ސަރުކާރު ހިއްސާވާ ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން ހިންގަމުން އައިސްފައިވަނީ ގެއްލުމުގައި ކަމަށާއި، އެ ރިސޯޓަށް ވީނުވީއެއް ކުރީގެ އެއްވެސް ސަރުކާރަކުން ބަލާފައި ނުވާކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރިޔަށް އޮތް ޕްރައިމަރީ ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން، އެސިޓީގެ ފޭދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރު ހިއްސާވާ ޖޮއިންޓް ވެންޗަރއެއްގައި، ގެއްލުމުގައި ކުންފުނި ހިންގަމުން ގޮސް، ސަރުކާރުގެ ހިއްސާ ދޫކޮށްލާމަ 70 މިލިއަން ޑޮލަރުގެ ސަރުކާރުން ދައްކަން ޖެހޭކަމަށެވެ.

އެހެންމަކުން އެވިޔަފާރިވެސް ކުރިޔަށް ގެންދިއުން އެންމެ ރަގަޅު ގޮތަކީ އެރިސޯޓު ހިންގުމުގައި ސަރުކާރުން ހިއްސާނުވެ އެވިޔަފާރި އަމިއްލަ ވިޔަފާރިއަށް ދޫ ކޮށްލައިގެން ކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ އެ ހާލަތުގައި ސަރުކާރަށް ކުރެވެން އޮންނާނެ ކަމަކީ ހިލޭ ހިއްސާއާއި ދަރަންޏާއި އަޅާ ކަނޑާފަ ދިނުން ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމަށް ވަންޏާ އަޅުގަޑުމެން މިތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފަ އެކަން ކުރެވޭނެ ގޮތެއް ހޯދަން. މިކަމާ ދޭތެރޭގަ އެބަޖެހޭ ވިސްނަން. އެހެންނަަމަވެސް ވިސްނަން ޖެހޭނީ މީގަ މިހުރި ކަންތައްތަކަށް. ދެން އޮންނާނީ މިކަން ނުކުރި ބަޔަކު ހޯދާ އެބަޔަކާ ދޭތެރޭގަ ފިޔަވަޅު އެޅުން. ތިބޭފުޅުން އެގޮތަށް ގަބޫލުކަމަށް ވަންޏާ ޝަންގްރިއްލާ ހިއްސާ ސަރުކާރުން ދޫކޮށްލާ، އެފަދަ އިހުމާލެވީ ބަޔަކު ހޯދާ އެބަޔަކާ ދޭތެރޭގަ އަޅުގަޑުމެން ޖެހޭނެ ފިޔަވަޅު އަޅަން.

މިވަރުގެ ބޮޑު ބަދަލެއް ސަރުކާރަށް ދައްކަން ޖެހެނީ ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ކަމުގައި ވިދާޅުވަމުން، ރައީސް ވިދާޅުވީ އެ އިހުމާލު ވީބަޔަކާ ދޭތެރޭ ފިޔަވަޅުވެސް އަޅާން ޖެހޭ ކަމުގައެވެ.

އެމްޑީޕީގެ ކުރިޔަށް އޮތް ޕްރައިމަރީ ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން، އެސިޓީގެ ފޭދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކްފާނު ގަބޫލު ކުރައްވާ ގޮތުގައި، އެންމެ ފުރަތަމަ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ސަރުކާރާއެކު ހަދައިގެން ހިންގަން ފެށި މި އިންވެސްޓްމަންޓުގައި ސަރުކާރު އޮވެގެން، އެވިޔަފާރި ކުރިޔަށް ގެންދިއުން އެއީ އެންމެ ރަގަޅު ގޮތް ނޫން ކަމުގައެވެ.

ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން އެ އިންވެސްޓްމަންޓަށް މިހާތަނަށް އަޅާލާފަ ނެތް ކަމަށާއި، އެތައް އަލުން ހިންގޭނެ ގޮތެއް ބެލިއިރު، އެތައް ހިންގަމުން އައިސްފައިވަނީ ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމުގައި ކަމުގައެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވީ އެ ހިއްސާ ދޫކޮށްލަން ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށާއި، އައްޑޫ ރައްޔިތުން ބޭނުންވާނަމަ، އެ ހިއްސާ ސަރުކާރުން ދޫކޮށްލާނެ ކަމަށެވެ. އަދި އެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ގާނޫނީ ހައްލު މިހާރު ހޯއްދަވާފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އައްޑޫ ސިޓީގެ ޝަންގްރިއްލާއަކީ އެސިޓީގެ ތަރައްގީގެ މުހިންމު އިންވެސްޓެމަންޓެއް ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރިސޯޓު ހިންގޭނެ މަގު ސަރުކާރުން ހޯދާނެކަމަށެވެ.

އެމްޑީޕީގެ ކުރިޔަށް އޮތް ޕްރައިމަރީ ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން، އެސިޓީގެ ފޭދޫގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިސަރުކާރު ކުރިޔަށް ދާނީ އައްޑޫ ސިޓީއާއެކު ކަމަށެވެ. އަދި ސަރުކާރުން ކުރިޔަށްދާނީ އައްޑޫ ސިޓީ ތަރައްގީ ކުރަމުން ކަމަށާއި, ދެން އުފެދޭ ސަރުކާރެއްގަވެސް އައްޑޫ ސިޓީ ވެގެންދާނީ ސަރުކާރުގެ މުހިންމު ބައިވެރިއަކަށް ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިހާރު އައްޑޫ ސިޓީގެ މަގުތަކާއި ބަނދަރުތަކާއި އަދި އުމްރާނީ އެނޫން ބަދަލުތައްވެސް އައްޑޫ ސިޓީއަށް ދަނީ އަންނަމުން ކަމަށާއި، ދެން އައްޑޫ ސިޓީއަށް އަންނާނީ ފަތުރުވެރިކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިގޮތުން އައްޑޫ ސިޓީގެ 100 ކިލޯ މީޓަރުގެ މަގު ދަނީ ހެދެމުން ކަމަށާއި، އައްޑީ ސިޓީގެ މަގުތަކުގެ ފެން ހިންދާ ނިޒާމު ޕޭމަންޓާއެކީ ދަނީ ނިމެނުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިއީ އައްޑޫ ލިންކު ރޯޑަށްފަހު އައްޓޫގައި ކުރިޔަށްދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމަށް ވިދާޅުވަމުން، ރައީސް ވިދާޅުވީ އައްޑީ ސިޓީގެ ފަތުރުވެރިކަންވެސް ސަރުކާރުން ވީ ވައުދާ އެއްގޮތަށް ކުރިޔަށް ދާކަމަށެވެ.

އަދި މީގެ އިތުރުން އައްޑޫ ސިޓީގެ އެއަރޕޯޓު ތަރައްގީވެގެން ދިއުމަކީ އައްޑޫ ސިޓީގެ ތަރައްގީއާއި ގުޅިފައިވާ މުހިންމު ޕްރޮޖެކްޓެއް ކަމަށާއި، އެމަސައްކަތް އިއުލާން ކުރެވި، މިހާރު އޮތީ އިވޭލުއޭޝަންގެ އެންމެ ފަހުގެ މަރުހަލާގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރެވިގެން ދާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު އައްޑުއަށް ފެއްޓެވި މިދަތުރުފުޅުގައި ފޭދޫ ސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު މިރޭ ޝަރަފްވެރިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިދަތުރުފުޅުގައި ފުލުހުންގެ އެކަޑަމީ ނުވަތަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑު ލޯ އެންފޯސްމަންޓުގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް ސާލިހު މިއަދު އަައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހައްދުންމައްޗަށެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 15ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައްޑޫމީހާ
މުޅިންފޭކު. ތިދައްކާވާހަކައެއް ގަބޫލެއްނުކުރެވޭނެ. (އެއްވެސް ސަރުކާރަކުން ކުރަން ބޭނުންވިކަމެއް ނުކޮޝެއްނެތް) 3ޢަހަރު ދޮގުމައްޗައްދޮގު. އައްނަނީ އައްނަނީ............