15 ފަހަރަށް ވޯޓު ލައިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އާ ރައީސަކު އައްޔަން ކޮށްފި

15 ފަހަރަށް ވޯޓު ލައިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އާ ރައީސަކު އައްޔަން ކޮށްފި

Author
ހުސެއިން
07 ޖެނުއަރީ 2023 08:31
0

އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކޮށްފިއެވެ. ރިޕަބްލިކަން ޕާޓީއަށް އެމެރިކާގެ ސެނެޓް ޗެމްބަރުގައި މެޖޯރިޓީ އޮތްނަމަވެސް، ކެވިން މެކާތީ ގާނޫނުހަދާ މަޖިލިހުގެ ރައީސްކަމަސް އިންތިޚާބު ކުރެވުނީ، މަގާމަށް އައްޔަން ކުރެވޭވަރަށް ވޯޓު ނުލިބުމުގެ ސަބަބުން 15 ބުރަށް ވޯޓު ލުން ބޭއްވުމަށް ފަހުއެވެ.

މެކާތީއަށް ވޯޓު ހަމަވެފައިވަނީ، ތަޅުމުގައި މެކާތީއައި ދެކޮޅަށް ވޯޓު ދެމުން ގެންދެވި، ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމުގައިވާ މެޓް ގާޒް އެންމެފަހުން އޭނާގެ ވިސްނުން ބަދަލުކޮށް، މެކާތީއާއި އެއްކޮޅަށް ވޯޓު ދެއްވުމާއެކުއެވެ.

ފްލޮރިޑާއަށް ނިސްބަތްވާ މެޓް ގާޒް އަކީ މެކާތީއާއި ދެކޮޅަށް ވޯޓު ދެމުންއައި ރިޕަބްލިކަން ޕާޓީގެ 6 މެމްބަރުންގެ ތެރޭގައި ހިމެނޭ އެއް މެމްބަރެކެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް އިންތިޚާބު ކުރުމަށް ވޯޓު ނެގުމަށް ބޭއްވި ޖަލްސާތަކުގައި ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ މެދުގައިވަނީ ހޫނު ޒުވާބުތަކެއް ހިނގާފައެވެ. އަދި މި ޒުވާބުތަކުގެ ތެރޭގައި މެޓް ގާޒް އާއި، މެކާތީއަށް ތާއީދު ކުރައްވަމުން ގެންދެވި މައިކް ރޮޖާއާއި ދެބޭފުޅުންގެ ޒުވާބު ހޫނުވެ ގަޔަތް އަތްލާހިސާބަށް މަސްރަހު ހޫނުވެގެން ގޮސްފައިވެސް ވެއެވެ.

އެމެެރިކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތަކީ މަޖިލިހުގެ ޖަލްސާތައް އެޖެންޑާ ކުރުމާއި، އަދި ގާނޫނީ އެންމެހާ ކަންކަން ބެލެހެއްޓުމެވެ. އެ މަގާމުގަ ހުންނަވާ ބޭފުޅަކީ އެމެރިކާގެ ނާއިބު ރައީސަށްފަހު، ދެން ރައީސްކަމުގެ މަސްއޫލިއްޔަތާއި ހަވާލު ވެވަޑައިގަންނަވަން ތައްޔާރަށް ހުންނަވާ ބޭފުޅާއެވެ.

މަގާމް ކަށަަވަރު ވުމަށްފަހު ވާހަކަ ދައްކަވަމުން މެކާތީ އޭނާގެ ޓުވިޓަރގައި ވިދާޅުވެފައިވަނީ، "އަހަރެން ދެކޭ ގޮތުގައި މި ހަފްތާއަށްފަހު ކަންކަން ސާފު ވެގެންދާނެ. އަހަރެން ނެތިން އެއްވެސް ކަމެއްގައި ދޫދޭކަށް. އަދި އަހަރެން އެމެރިކާގެ ރައްޔިތުންނަށްޓަކާ އެއްވެސް ކަމެއްގަ ދޫދޭކަށް ނެތިން،" ކަމުގައެވެ.

މެކާތީ ވިދާޅުވެފައިވަނީ، އޭނާއަށް ވޯޓު ހަމަކޮށް ދިނުމުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށް ދީފައި ކަމުގައެވެ. "އޭނާގެ ނުފޫޒާއި ދޭތެރޭ އެއްވެސް މީހަކު ޝައްކު ކުރާނެތަނެއް ނެތް."

"އޭނާ ފެށުނީއްސު ހުންނެވީ އަހަރެންނާއެކީ.. އަހަރެންނަށްވެސް ގުޅުއްވި، އެހެން ބޭފުޅުންނަށްވެސް ގުޅުއްވަމުން ގެންދެވި،" މެކާތީ ވިދާޅުވިއެވެ.

މެކާތީ ގާނޫނުހަދާ މަޖިލިހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާއި ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ އޭނާއަށް ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

ފާއިތުވި ނޮވެމްބަރުގައި ބޭއްވުނު އެމެރިކާގެ ގަނޫނުހަދަ މަޖިލިހުގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ހައުސް އޮފް ރެޕްރެސެންޓޭޓިވްސް ކާމިޔާބު ކުރެވުނީ ކުރިން ހީކުރެވުނު ވަރަށްވުރެ ދަށް ނަތީޖާއަކާ އެކުއެވެ. މިގޮތުން ހައުސްގައި ރިޕަބްލިކަނުންނަށް 222 ގޮނޑި ކާމިޔާބު ކުރެވުނުއިރު، ޑިމޮކްރަޓުންވަނީ 212 ގޮނޑި ކާމިޔާބު ކޮށްފައެވެ. ކުރިއެކޭވެސް އެއްފަދައިން ސެނެޓްގެ ކޮންޓްރޯލް ހޯދާފައިވަނީ ޑިމޮކްރަޓިކް ޕާޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.