ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު މަގާމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑްންއަށް އަރުވައިފިއެވެ. ޢަފޫރު މަގާމުގެ ފަތްކޮޅު ޖޯ ބައިޑްންއަށް އަރުވާފައިވަނީ މިއަދު އެމެރިކާގެ ވައިޓް ހައުސްގައެވެ.
ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޢަބްދުލްޣަފޫރު ވަނީ މީގެ ކުރިން އެމެރިކާގައި ހުންނަ ދިވެހި ސަފީރުކަން ވެސް ކުރައްވާފައެވެ. އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމުގައެވެ. މަގާމަށް އައްޔަން ކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ވަރަށް ކުރު މުއްދަތަކަށް އޭނާވަނީ ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ ކުރިން ޢަފޫރު ފުރުއްވި ފޮރިން ސެކްރެޓަރީގެ މަޤާމަށް ވަނީ ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ދިވެހި ސަފީރު އަހުމަދު ލަތީފް (ސީވީޑް ލަތީފް) ހަމަޖައްސަފާވައެވެ.
އެމެރިކާގެ ވޮޝިންގޓަންގައި މިހާތަނަށް ދިވެހިރާއްޖޭގެ އެމްބަސީއެއް ނުހުރެއެވެ. އެހެންނަމަވެސް އެމެރިއާއަށް ކަނޑައަޅުއްވަފައިވާ ސަފީރުގެ މަގާމްވެސް އަދާކުރައްވަމުން މިހާތަނަށް ގެންދެވީ ޔޫއެންއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ތިލްމީޛާ ޙުސައިންއެވެ. އަދި އެމެރިކާއާއި ރާއްޖެއާއި ދެމެދުގައި ހިނގަމުންއައި ޑިޕްލޮމެޓިކް ހުރިހާކަމެއް ބަލަހައްޓަމުން އައިސްފައިވަނީ ޔޫއެންގައި ހުންނަ ދިވެހި މިޝަންއިންނެވެ.
އެމެރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވާފައި މިވަނީ ދިވެހިރާއްޖޭގައިވެސް އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް އެގައުމުން ހަމަޖެއްސުމާއި ގުޅިގެންނެވެ.