ހަފްތާ ބަންދުގައި ކެމްޕޭނަށް ނަޝީދު 4 އަތޮޅަކަށް

ހަފްތާ ބަންދުގައި ކެމްޕޭނަށް ނަޝީދު 4 އަތޮޅަކަށް

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2023 09:32
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭނުގައި ހަތަރު އަތޮޅަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅަށެވެ. މިދަތުރުތައް ފަށާނީ މާދަމާއެވެ. އަދި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ދަނީ ހުއްޓުމެއް ނެތި ކެމްޕޭން ކުރައްވަމުންނެވެ. މިގޮތުން ރައީސް ނަޝީދު ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި މިއަދު ކެމްޕޭންގައި ރައީސް ނަޝީދު ގެންދަވަނީ ގަލޮޅާއި ހެންވޭރުގައި ދޮރުންދޮރަށް ހިންގަވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

މިރޭ ރައީސް ނަޝީދު ވަނީ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރަން ނިންމަވާފައެވެ. މި ބައްދަލުވުން އޮންނާނީ މާލޭގެ ކާނިވާގައި ހުންނަ ޓޭސްޓްމީ ކެފޭގައިއެވެ. ރޭ ރައީސް ޞާލިހު ވަނީ ޕްރައިމަރީގައި ވާދަކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ހަރުގޭގައި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.