އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮންމެ މީހަކު ކަމުގައިވިޔަސް އެމީހަކު ބަލިކުރާނެކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޥާދަވެރިކަން ބޮޑުވެފައިވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވާތީއެވެ. މިއާއެކު ދެބޭފުޅުންނަށް ތާޢިދުކުރައްވާ ބޭފުޅުން ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔަމުންނެވެ.
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. މިއާއެކު އިދިކޮޅުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކުރަމުންނެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އެޕާޓީން ރައީސް ޔާމީންކަަމަށްވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިގޮތުން މާލެ ސިޓީ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮންމެ ބޭފުޅެއްނަމަވެސް އެމީހަކު އިންތިޚާބުގައި ބަލިކުރާނެކަމަށެވެ. އެކަމަށްޓަކައި ރައްޔިތުން ކުރަންވީ ކަމަކީ ރީ-ރަޖިސްޓްރީ ކުރި ތަނަށްތޯ ވޯޓް ލާން އޮތީ ބެލުންކަމަށް ޝުޖާޢު ވިދާޅުވިއެވެ.
MDPގެ ރިޔާސީ ކެނޑިޑޭޓަކީ ކޮންމެ މީހަކަށް ވިޔަސް އަޅުގަނޑުމެން އެމީހެއް ބަލިކުރާނަން.އިންޝާالله ރައްޔިތުން އެންމެ ކަމެއް ކަށަވަރު ކުރައްވާ!އެއީ ރީ-ރަޖިސްޓްރީ ކުރި ތަނަށްތޯ ވޯޓް ލާން އޮތީ.ބާކީ ބައި އަޅުގަނޑުމެނަށް ދޫކޮށްލާ!ކަނޑު ވިއްކާލި ބައިގަނޑަށް ފިލާވަޅެއް މިފަހަރު ލިބޭނެ.
— Ibrahim Shujau (@IbrahimShujaau) January 4, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު ރައީސް ނަޝީދު ވަނީ އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. އޭގެ އިތުރުން މާލޭގައިވެސް ކެމްޕޭން ހަރަކާތްތައް ހިންގަވައެވެ. އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފައިވާތީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު ހެން، އިދިކޮޅު ފަރާތްތަކުން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. ރައީސް ޔާމީންނަށް އިންތިޚާބުގައި ވާދަކުރެވޭނީ މަތީ ކޯޓުން އެ ހުކުމް ބާޠިލުކުރުމުނެނެވެ.
ކޮމެންޓު ފޮނުވާ