އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި އެ އިވެންޓް އޮންނާނީ އެމްޑީޕީގެ މައި ހަރުގޭގައި މިރޭ ނުވައެއް ޖަހާއިރުއެވެ. މި އިވެންޓުގައި ރައީސް ސޯލިހަށް ތާއީދު ކުރާ އެންމެން ބައިވެރިވުމަށް ކެމްޕެއިން ޓީމުން އެދިފައިވެއެވެ. މިއީ އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ފަހުން، ރައީސް ސޯލިހް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހްއަށް ތާއީދުކުރައްވާ ވަޒީރުންނާއި މަޖިލިސް މެމްބަރުން މީގެ ކުރިން ވަނީ ކެމްޕޭން ޖަލްސާތައް ބާއްވާފައެވެ. ނަމަވެސް މިއީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު ރައީސް ނަޝީދު ވަނީ އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕޭން ކުރައްވާފައެވެ. އޭގެ އިތުރުން މާލޭގައިވެސް ކެމްޕޭން ހަރަކާތްތައް ހިންގަވައެވެ. އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޑީ.ޕީގެ ޕްރައިމަރީއާއި، ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ބައެއް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނަކީ އަބަދުވެސް އެކި ކަންކަމުގައި ޚިޔާލު ތަފާތު ދެ ބޭފުޅުންކަމަށެވެ. ނަމަވެސް އެ ޚިޔާލުތަފާތުވުންތަކާއެކުވެސް ކުރިއަށްދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު، ނިންމެވި ބައެއް ނިންމެވުންތަކާމެދު ހިތްހަމަނުޖެހުމުން އެކަން އެމަނިކުފާނާއި ހިއްސާކުރައްވާކަމަށެވެ. އަދި އެމަނިކުފާނަށް ލަފައާއި މަޝްވަރާ އަރުވަން އޭރު ތިއްބެވި ގިނަ ބައެއްގެ ބަހަށް އެކަމެއް ނިންމެވުމުން ޤަބޫލުކުރެއްވިކަމަށާއި، އެމަނިކުފާނުގެ މިކޯލިޝަން ސަރުކާރުގައިވެސް ކަންކަން ނިންމަވަނީ ގިނަ ބަޔަކަށް ބުރަވެވޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.