ބްރެޒިލްގައި ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި ލުއިޒް އިނާސިއޯ ލޫލާ ޑަސިލްވާ އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ. މިއީ ލޫލާ އެގައުމުގެ ރައީސްކަން ކުރައްވާ 3 ވަނަ ދައުރެވެ.
ރައީސް ބޮލްސޮނާރޯގެ މައްޗަށް، ފާއިތުވެދިޔަ އޮކްޓޯބަރުމަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ކުރި ހޯއްދަވާފައިވަނީ ހަނި އަޢުލަބިއްޔަތަކުންނެވެ.
މިގޮތުން ބުރެޒިލްގެ އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ނަތީޖާ ދައްކާގޮތުން ރައީސް ބޮލްސޮނާރޯގެ މައްޗަށް ލޫލާ ކާމިޔާބު ހޯއްދެވީ ވޯޓު ލީމީހުންގެ 50.8 އިންސައްތަ ހޯއްދަވައިގެންނެވެ. ބޮލްސޮނާރޯއަށް ކާމިޔާބު ކުރެއްވިފައިވަނީ 49.2 އިންސައްތަ ވޯޓެވެ.
ލޫލާވަނީ 2003 އިން 2010 އަށްވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައެވެ.
ދެކެނޑިޑޭޓުންގެ ވަރަށް ވާދަވެެރި އިންތިޚާބެއްގެ ގޮތުގައި ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ލޫލާވަނީ ބޮލްސޮނާރޯގެ މައްޗަށް ކުރި ހޯއްދަވާފައެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހުނީ މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯއާއި ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލުލާއާއި، ދެ ބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް %50 އަށްވުރެ މަތިން ފުރަތަމަ ބުރުގައި ވޯޓު ނުހޯއްދެެވުމުންނެވެ. އިންތިޚާބުގައި، ބުރެޒިލްގެ ރައްޔިތުން ވޯޓު ލުމަށްޓަކާ ދިގު ސަފުތަކެއްގައި ގިނައިރު ތިބެން ޖެހުނުއިރު، އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންވަނީ އިންތިޚާބުގައި ވޯޓު ލާފައެވެ.
ލޫލާ ދެވަނަ ފަހަރަށް (3 ވަނަ ދައުރަކަށް) ބްރެޒިލްގެ ރައީސްކަމުގެ ހުވާކުރެއްވިއިރު އެގައުމަށްވަނީ އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ކޯވިޑް19 އަށްފަހު ބްރެޒިލްގެ އެތައް މިލިއަން ރައްޔިތުން ފަގީރު ހާލުގައި އުޅެންޖެހިފައި ވާއިރު، އެގައުމުގައިވަނީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ލޫލާ ވިދާޅުވެފައިވަނީ، "އިނޖެހި ފަނާވެގޮސްފައިވާ" ބްރެޒިލް އޭނާ އަލުން އާރާސްތު ކޮށްދެއްވާނެ ކަމުގައެވެ. އިންތިޚާބުން ބަލިވި ބޮލްސޮނާރޯވަނީ، ލޫލާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތުމަށްޓަކާ، ހުކުރު ދުވަހު އެމެރިކާއަށް ވަޑައިގެންފައެވެ.
އެންމެ ފަހުން ބްރެޒިލް ރައީސްކަން ކުރެއްވިތާ 12 އަހަރަށްފަހު ލޫލާ އެނބުރި ބްރެޒިލްގެ ރައީސްކަމަށް ވަޑައިގެންނެވި އިރު، ފާއިތުވެދިޔަ މުއްދަތުގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާވަނީ ޖަލަށްވެސް ލެވިފައެވެ. އެހެންނަމަވެސް އޭނާއަށް 2022 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ، އޭނާގެ މައްޗަށް ކުރި ހުމުން އެގައުމުގެ ސުޕްރިމް ކޯޓުން 2021 ވަނަ އަހަރު ބާތިލް ކުރުމާއި ގުޅިގެންނެވެ.
ދުނިޔޭގައި އޮތް 4 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީގައި ބޭއްވުނު މިއިންތިޚާބުގައި 11 ކެނޑިޑޭޓަކު ވާދަ ކޮށްފައިވާއިރު، އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ \ ދެ ރައީސުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ