މަގުމައްޗަށް ކުނި ނުނެރެން ވެމްކޯއިން އެދިއްޖެ

މަގުމައްޗަށް ކުނި ނުނެރެން ވެމްކޯއިން އެދިއްޖެ

ގުޅުންހުރި

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ހޯދާ، މާލޭގައި ދިރިއުޅޭ ރައްޔިތުން މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް އެކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން މިކަމަށް އިލްތިމާސްކުރީ މާލޭގެ އެކި ގޭގެއިން މަގުތަކަށް ނެފައިވާ ކުނިތަކުން މަގުތައް ހަޑިވެ ތަޣައްޔަރުވެ ޢާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވަނިކޮށެވެ. އެހެން އެކަން މެދުވެރީ މިހާތަނަށް މާލޭގެ ވަރަށް ގިނަ ގޭގެއިން މަގުތަކަށް ނުވަ އެގެއެއްގެ ދޮރުމައްޗަށް ކުނި ނެރުމުން ވެމްކޯއިން ކުނި ގެންދާތީ މި ދެތިންދުވަހުވެސް އެގޮތަށް ކުނި ނެރުމުން ވެމްކޯއިން ނުގެންދކއުމާ ގުޅިގެންނެވެ. ވެމްކޯއިން މިހާރު ބުނަނީ ކުރިން އެގޮތަށް މަގުތަކަށް ނެރޭ ކުނި ގެންދިޔައީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ވެމްކޯއިން ކުރަމުން އައި މަސައްކަތުގެ ދަށުންކަމަށެވެ. އެމަސައްކަތަކީ މާލޭ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އައި ކަމެކެވެ.

އެހެންނަމަވެސް ކުނި އުކައިދިނުމުގެ ޚިދުމަތަށް ވެމްކޯއަށް ފައިސާ ދައްކާފައިވާ އެތައް ބަޔަކުވެސް މިހާތަނަށް އައީ ގޭގެ ދޮރުމައްޗަށް ކުނި ނެރެމުންނެވެ. އަދި ވެމްކޯއިން އައީ އެކުނި އުކައިދެމުންނެވެ. އެނޫން ގޮތަކަށް އެކަން ކުރަންޖެހޭކަމެއް މާލޭގައި ދިރިއުޅޭ ވަރަށްގިނަބަތޔަކަށް ނޭނގެއެވެ. ބައެއް ޢާންމުން ތުހުމަތުކުރާ ގޮތުގައި ވެމްްކޯއިން މިހާތަނަށް އެގެންދިޔަ ކުނި ގެންދިޔައީ ގޭގެއިންނާއި ސިޓީކައުންސިލާއި ދެފަރާތުން ފައިސާ ނަގައިގެންނެވެ. މިދިޔަ ދެތިންދުވަހު ފައިސާ ދައްކާފައިވާ މީހުންގެ ގޭގޭގެ ކުނި ނުގެންދިޔަ މައްސަލާގައި ގިނަބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މާލޭގެ މަގުތަކާއި ޢާންމުި ތަންތަން ސާފުކޮށް ކުނިހެކުމުގެ އެއްބަސްވުން ސިޓީކައުންސިލުން އާނުކުރީ ވެމްކޯއާއި އެކައުންސިލާދެމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ. އެހެންކަމުން މާލޭގެ މަގުތައް މިހާރު ސާފުކުރަނީ ސިޓީކައުންސިލުގެ މުވައްޒަފުންނެވެ. އެހެންނަމަވެސް ވެމްކޯއަށް ފައިސާ ދައްކާފައިވާ ގޭގެއިން މާލޭގެ މަގުތަކަށް، އެގޭގޭގެ ދޮރުމައްޗަށް ނެރޭ ކުނި ސިޓީ ކައުންސިލުން އުކާލަން ޖެހުމުން، ވެމްކޯ ނުކުރާ މަސައްކަތަކަށް ޢާންމުންގެ އަތުން އެކޯޕަރޭޝަނުން ފައިސާ ނަގާ މައްސަލަ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މައްސަލަ ބޮޑުވެފައިވަނިކޮށް ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އާންމު ރައްޔިތުންނާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދޭކަމަށެވެ. އަދި ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށާއި ޚިދުމަަތް ހޯދުމަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވެސް ރަޖިސްޓްރީވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ