ފުޓުބޯޅަ ތަރި ޕެލޭ މަރުވެއްޖެ

ފުޓުބޯޅަ ތަރި ޕެލޭ މަރުވެއްޖެ

ދުނިޔޭގަ މިހަތަނަށް އުފެދުނު އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންޔެރިޔާ ބްރެޒިލްގެ ޕެލޭ މަރުވެއްޖެއެވެ.

ޕެލޭ މަރުވެފައިވަނީ އުމުރުން 82 އަހަރުގައި، ކެންސަރު ބައަޔަށް ފަރުވާ ހޯއަދަވަމުން ގެންދަނިކޮށެވެ.

3 ފަހަރަށް ވާރލްޑްކަޕް ތަށި ކާމިޔާބު ކޮށްފައިވާ ޕެލޭއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭނަ ފަށާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުއެވެ. ޕެލޭގެ ދަރިފުޅު އޭރު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާގެ ބައްޕަ މިއަހަރުގެ ކުރިސްމަސް ހޭދަކުރާނީ ހޮސްޕިޓަލުގައި ކަމުގައެވެ.

ޕެލޭއަށް ފަރުވާ ދެމުންދާ އިސްރާއީލިޓާ އަލްބާރޓް އެންސްޓަން ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވަނީ "ޕެލޭގެ ކެންސަރުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި، އެހެންކަމުން ރީނަލް އަދި ކާޑިއޭކް ޑިސްފަންޝަންއާއި ގުޅުންހުރި އިތުރު ފަރުވާ" ދޭންޖެހިވާ ކަމުގައެވެ.

ޕެލޭގެ ކޯލޯން (ބޮޑު ގޮހޮރު)އިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ވަނީ އޮޕަރޭޝަން ކޮށްގެން ޓިއުމަރއެއް ނަގާފައެވެ. އެއަށްފަހު ޕެލޭވަނީ ގަވާއިދުން ފަރުވާ ހޯދަމުން ގެންގޮސްފައެވެ.

"އަހަރެމެންގެ ގޭގެ ކުރިސްމަސް މިއަހަރުވަނީ ސަސްޕެންޑް ކުރެވިފަ،" ޕެލޭގެ ދަރިފުޅު ކެލީ ނަސިމެންޓޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައި ވެއެވެ.

"ބައިވަރު ސަަބަބުތަކަށްޓަކާ، ޑޮކްޓަރުންގެ ލަފާގެ މަތިން އަހަރެމެން ނިންމާފައިވަނީ، ވަރަށް ފުރިހަމަ ފަރުވާއާއެކު، އެންސްޓަން އާއިލާގެ ފަރުވާ ލިބިގަތުމަށް މިތަނުގައި ތިބުމަށް."

މީގެ 5 ހަފްތާކުރިން ޕެލޭ ސައު ޕޯލޯގަ ހުންނަ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާއެކު އެ ހޮސްޕިޓަލުން ބުނެފައިވަނީ ދެމުންދާ ފަރުވާގެ ނަތީޖާ ރަގަޅު ކަމަށެވެ. އޭރު ފަރުވާ ދެމުން ގޮސްފައިވަނީ ނޭވާލާ ނިޒާމުގައި ހެދިފައިހުރި އިންފެކްޝަންތަކަށެވެ. އަދި ހޮސްޕިޓަލުން ބުނެފައިވަނީ ޕެލޭއަށް "ރީ އެސެސްމަންޓް އޮފް ކީމޯތެރަޕީ ޓްރީޓްމަންޓް" ދެމުންދާ ކަމުގައެވެ.

ޕެލޭއަކީ ބްރެޒިލްއަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 92 މެޗްކުޅެ، 77 ގޯލް ކާމިޔާބު އެގައުމަށް ކާމިޔާބު ކޮށްދީފައެވެ. އަދި 1958 ވަނަ އަހަރާއި 1962 ވަނަ އަހަރާއި 1970 ވަނަ އަހަރުގެ ވާރލްޑްކަޕް މުބާރާތް ބްރެޒިލްއިން ކާމިޔާބު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައިވނީ ޕެލޭއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *