ހއ. ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8ވަނަ ދުވަހުއެވެ. މިއީ ހޯރަފުށީގައި މިހާތަނަށް ކުރިއަށްގެންދާ މަގުހެދުމުގެ ފުރަތަމަ މަޝްރޫޢެވެ. ހޯރަފުށީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި، މަގުހެދުމުގެ މަސައްކަތަކީ ރަށަށް މިވަގުތު ބޭނުންވާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު މަޝްރޫއެވެ. މަގުހެދުމުގެ މަސައްކަތުގެ ދަށުން، ތާރުއަޅަން ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވަނީ ނިމިފައެވެ. އެގޮތުން ކޭބަލް އަދި ޔުޓީލިޓީ ޖަންކްޝަންތައް ހެދުމާއި، ކާސްޓިން މަސައްކަތްތަކާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި ވާކަމަށެވެ.
Ha. Hoarafushi Road Development Project is well underway, with overall 72% project progress. Asphalt laying works are progressing, with 90% completion.#MTCCProjects #RayyithungeKunfuni pic.twitter.com/gHTTgMDJQR
— MTCC Plc (@MTCCPlc) December 29, 2022
ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 5.3 ކިލޯމީޓަރުގެ މަގު އަންނަނީ ތަރައްޤީކުރަމުންނެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ. މިއީ އާންމު ޚިދުމަތްތައް ރަށުގައި ޤާއިމުވެފައި ހުރި މަގުތަކެވެ.
ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑްބްރޭކަރު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.