ގައުމީ ބެންކުގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި 500 އަށްވުރެ ގިނަ ފޮތް އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަށް ހަދިޔާ ކޮށްފިއެވެ.
ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދިފައެވެ. މި ގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް މިހާރު އިތުރު ކުރެވިފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ. އޭގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ އެހީގެ ދަށުން ގަނެވުނު ފޮތް ކަމަށް ބީއެމްއެލުން ބުނެއެވެ.
މި ކަމާ ގުޅޭގޮތުން މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ވިދާޅުވީ އއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށާއި، ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ބާވެފައި ހުރި ކަމަށެވެ.
"ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރުވެސް ބޭނުންވޭ. ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ."
– އިސްމާޢިލް ޝިމާއު
ބީއެމްއެލްގެ މެނޭޖަރ ޕްބިލްކ ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް އެހީފޯރުކޮށްދިނުމުގައި އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާކަމަށެވެ.
"މި ޕްރޮޖެކްޓުގެ ދަށުން މިވަނީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންން ބޭނުންކުރާނެ ފޮތް ހޯދައިދެވިފަ. ފޮތްތަކުގެ އިތުރުން ލައިބްރަރީ އަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން."
– މުޙައްމަދު ސަޢީދު
ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދެވިފައިވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި ވާކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.