ދިވެހިރާއްޖޭގެ އަމިއްލަ ދުފެއްދުންތައް ބޭރުގެ މާރކެޓްތަކަށް ތައާރަފް ކުރުމަށްޓަކާ, އިކޮނޮމިކް މިނިސްޓްރީގެ ދަށުން ޕްރޮމޯޓު ކުރަމުންދާ އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ޕްރޮޑަކްތައް, އެ މިނިސްޓްރީގެ ބިސްނަސް ސެންޓަރ ކޯޕަރެޝަންއާއި ޖަޕާން އެކްސްޓާރނަލް ޓްރޭޑް ކޯޕަރޭޝަން ((JETRO އާއި ގުޅިގެން ޖަޕާންގެ މާރކެޓަށް ތައާރަފް ކޮށްފިއެވެ.
އިކޮނިމިކް މިނިސްޓްރީގެ ބިސްނަސް ސެންޓަރ ކޯޕަރެޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާން މާރކެޓަށް ފުރަތަމަ ފަހަރަށް ތައާރަފް ކުރެވިފައި މިވަނީ ޖަޕާން އެކްސްޓާރނަލް ޓްރޭޑް އޯގަނިޒޭޝަންއިން ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވިޔަފާރި އުފެއްދުންތައް ޖަޕާނުގެ މާރކެޓްތަކަށް ތައާރަފް ކުރުމަށްޓަކާ ކުރިޔަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާގެ ދަށުންނެވެ.
ބިސްނަސް ސެންޓަރ ކޯޕަރެޝަން ހާމަ ކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ޖަޕާނުގެ އެއަރޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި، މި ޕްރޮގްރާމްގައި ބައިވެރިވާ ގައުމުތަކުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް، އަދި ޒިޔާރަތް ކުރާ ފަރާތްތަކަށް ގަނެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިގޮތުން ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުންތައް, ޖަޕާންގެ ނަރީޓާ އެއަރޕޓުންނާއި އަދި ކަންސައި އެއަރޕޯޓުން މިހާރު ލިބެން ހުރުމުގެ އިތުރުން ޖަޕާންގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމްކޮށްގެން ބާއްވާ ސޭލްސް އިވެންޓުތަކުގައިވެސް އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ދިވެހި އަމިއްލަ ދުފެއްދުންތައް ކުރިޔަށް އޮތްތަނުގައި ޑިސްޕްލޭ ކުރެވި, ލިބެން ހުންނާނެކަމަށްވެސް އެ ކޯޕަރޭޝަންއިން ހާމަކޮށްފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިސްނަސް ސެންޓަރ ކޯޕަރެޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި، ކުރިޔަށް އޮތް ތަނުގައި, މި ޕްރޮގްރާމްގެ ދަށުން, ޖަޕާން މާރކެޓްގައި ލިބެނުން ހުންނަ ދިވެހި އަމިއްލަ އުފެއްދުންތަކުގެ އަދަދު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާން އެކްޓާނަލް ޓްރޭޑް އޯގަނިޒޭޝަންއިން ކުރިޔަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާން މާރކެޓަށް ތައާރަފް ކުރުމަށްޓަކާ އިއްޔެ ޖަޕާނުގައިވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި, ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާގައި ހުންނަވާ ސަފީރު ހަސަން ސާބިރުއާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު އަމީތުގެ އިތުރުން ޖެޓްރޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ދިވެހި އުފެއްދުންތައް ޖަޕާން މާރކެޓަށް ތައާރަފް ކުރުމަށް ކުރެވުނު މަސައްކަތުގައި, ޖަޕާންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދީފައިވާކަމަށް ބިސްނަސް ސެންޓަރ ކޯޕަރެޝަންއިން ބުނެފައި ވެއެވެ.