މަރު ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމަށް ބަންޑާރަ ނައިބުގެ އޮފީހާ ދަނީ މަޝްވަރާ ކުރަމުން: ތަރުޖަމާން

މަރު ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމަށް ބަންޑާރަ ނައިބުގެ އޮފީހާ ދަނީ މަޝްވަރާ ކުރަމުން: ތަރުޖަމާން

Author
ހުސެއިން
22 ޑިސެމްބަރ 2022 05:48
0

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓު ފާއިތުވެދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި ގުޅިގެން ދެން އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާ ކުރައްވަމުން ގެންދަވާކަމުގައި ސަރުކާރުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަރުކޮމިޝަނުން ތައްޔާރުކުރި އާ ރިޕޯޓު ރައީސަށް އަރުވާފައިވާއިރު، އެ ރިޕޯޓު ދިރާސާ ކުރެއްވުމަށްފަހު ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރިހަށް ގެންދަވާ ކަމަށެވެ.

އެހެންނަމަވެސް ރިޕޯޓުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ގައުމީ ސަލާމަތާއި ގުޅޭ ކަންކަން ހިމެނޭތީ، ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުން ތަފްސީތަކެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންތައްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ބަންޑާރަ ނައިބް އޮފީހާއި ގުޅިގެން އެމަސައްކަތް ކުރިޔަށްދާނެ. ޤައުމީ ސަލާމަތާ ގުޅޭ ކަންތައްތައްތައް އޭގެތެރޭގައި ހިމެނޭތީ ތަފްސީލަށް ނުދާނަން.

މިއުވާން ވިދާޅުިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި ދައުލަތުގެ އިދާރާތަކުން މި ރިޕޯޓާއި ގުޅޭގޮތުން ހާމަ ކުރެވެންހުރި މައުލޫމާތު ހާމަކުރަމުން ދާނޭކަމުގައެވެ.

މަރު ކޮމިޝަންގެ ރިޕޯޓު ރިޟުވާންގެ އާއިލާއިން ބަލައިގެންފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މި ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން މަރު ކޮމިޝަންގެ ރިޕޯޓަށް ފާޑު ކިޔާފައިވަނީ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންއާއި ބައްދަލުކޮށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން، މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ރައީސް ޔާމިންއާއި ހިއްސާ ކޮށްފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިފައިވާކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވުމާއި ގުޅިގެންނެވެ.

ރިޟުވާންގެ މަރުގެ ހާދިސާއާއި ރައީސް ޔާމިންއާއި ގުޅުން އޮތްކަމަށް ނުބެލެވޭކަމަށް، ކޮމިޝަން އެންމެ ފުރަތަމަ އެކުލަވާލިއިރު ކޮމިޝަންގައި ހިމެނުނު މެމްބަރެއް ކަމުގައިވާ، ސުޕްރިމްކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ވިދާޅުވި ނަމަވެސް، މިމައްސަލާއާއި ރައީސް ޔާމިންއާއި ނުސީދާކޮށް ނަމަވެސް ގުޅުންއޮތްކަމަށް ކޮމިޝަންގެ މިހާރުގެ ރިޕޯޓުގައި ފާހަގަކޮށްފައިވުމުން، ގަބޫލު ކުރެވޭ ގޮތުގައި މި މައުލޫމާތުތައް ވެގެންދާނީ ރައީސް ޔާމިންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް މަގުފަހިކޮށްދޭ ހެކިތަކެއް ނުވަތަ މައުލޫމާތުތަކެއް ކަމުގައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވަފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.