ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި 5 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފުކުރަން އެޓާނީ ޖެނަރަލްގެ އޮފީހުން ނިންމައިފިއެވެ.
ސިވިލްކޯޓުގެ ޙުކުމުގައިވަނީ ޕޮލިސް ބޯޑުގެ ނިންމުން ބާޠިލްކަމަށް ކަނޑައަޅާގައެވެ. މިމައްސަލަ އިސްތިއުނާފުކުރަން ނިންމައި އޭޖީ އޮފީހުން ކުރި ޓްވީޓެއްގައިވަނީ އަޙްމަދު މުޙައްމަދު އާއި އިތުރު 4 ފަރާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނ. 3439/Cv-C/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ވަނީ ނިންމާފައިކަމަށެވެ. ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ނިންމާފައިވަނީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މާނަކޮށް ތަންފީޛުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
ޕޮލިސް ބޯޑުގެ ލަފައާއެކު މިދިޔަ އަހަރު އޮކްޓޯބަރުމަހު ފުލުހުންގެ 7 އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ، ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.
މި މައްސަލާގައި ވަކިކުރި ފަސް އޮފިސަރަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިހގެން އެކޯޓުން ކުރި ޙުކުމުގައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ