ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ނިޔާވިތާ 10 ދުވަސް ފަހުން އިންޑިއާއަށް ފޮނުވާލައިފިއެވެ.

ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 10 ވަނަ ދުވަހުގެ މެންދުރު 12:30 ހާއިރުއެވެ. ނިޝާމާ މުޙައްމަދު އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދެއްވާ ފުލުހުން ވިދާޅުވެފައިވެއެވެ.

ނިޝާމާގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަން ފުލުހުން ޔަގީންކޮށްދެއެވެ. ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ ޕޯސްޓްމޯޓަމް ހެދުމަށެވެ.

މި މަރުގެ މައްސަލައިގައި ނިޝާމާގެ ފިރިމީހާ، އދ. ފެންފުއްޓަށް ނިސްބަތްވާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވޭއިރު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކުއްލިއަކަށް ފުރައިގެން ގޮސް ހުރީ އެ އަތޮޅު ކުޅުދުއްފުށީގައެވެ. އެ އަތޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވަނިކޮށް އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ. ފަރުވާ ދެނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެއެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެއެވެ.

އޭނާގެ މަރާއި ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *