އެޗްއާރުސީއެމް އަށް މުނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވައިފި

އެޗްއާރުސީއެމް އަށް މުނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 02:09
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމްގެ) ހުސްވެފައިވާ މެންބަރުކަމަށް މަރިޔަމް މުނާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފައެވެ. އޭގެ ތެރެއިން ކޮމިޓީން ކުރެއްވި އިންޓަރވިއުތަކަށްފަހު ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވަނީ މުނާ އަށެވެ. މުނާއަށް ރުހުން ދެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ 67 މެމްބަރުންނެވެ.

މިމަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް:

  • މަރިޔަމް މުނާ/މ.ބާރަނާގެ/ ކ.މާލެ
  • އަލްއުސްތާޛް އަހުމަދު ސަމީނު/ ފިނިވާގެ/ އއ.ތޮއްޑޫ
  • އަލްއުސްތާޛާ މަހީރާ މުޙައްމަދު/ ހިޔާވަހި/ ޅ.ހިންނަވަރު

އެޗްއާރުސީއެމްއަށް މެންބަރުން އައްޔަން ކުރައްވަނީ ކުރިން އެކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު މަގާމުން ވަކިކުރުމަށް މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހުން ފާސްކުރުމުން އޭނާގެ މަޤާމު ހުސްވުމުންނެވެ.

އެ ކޮމިޝަންގެ މެމްބަރުން މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ ކަމަށް ބުނެ އެމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފެށްޓެވުމާއެކު އެކޮމިޝަނުގެ 3 މެންބަރަކު ވަނީ އިސްތިއުފާދެއްވާފައެވެ. އިސްތިއުފާދެއްވި ތިންބޭފުޅުންނަކީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މެމްބަރު މޫސާ ޢަލީ ކަލޭފާނެވެ. އަދި ކޮމިޝަނުގެ ނާއިބް ރައީސް ޒާހިދު މަޤާމުން އިސްތިއުފާ ނުދެއްވުމުން ޒާހިދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރިއެވެ.

މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ކުރިން އެކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ ނައިވީން ޢަބްދުﷲގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ޢައްޔަންކުރެއްވި ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ.ޖިއެނާ، މުއުމިނާ ވަޙީދާއި މއ.މާވެޔޮގެ، ޑރ.އަޙްމަދު އަދުހަމް ޢަބްދުﷲއެވެ. ނައިވީންގެ މެންބަރުކަމުގެ މަޤާމުން ދުރުކުރައްވާފައި ނުވަނީ އޭނާގެ މަޤާމުގެ މުއްދަތު ވަރަށް އަވަހަށް ހަމަވާނެތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.