މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށް ކުރުމަތިލުމަށް ހުޅާވި މުއްދަތު ކުރުކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.
އާޒިމަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި މުއްދަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އާޒިމް ވިދާޅުވެފައިވަނީ، ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަގަޅެއް ނުވާނެކަމަށެވެ. އޭނާ އެ އިޝާރާތްކުރައްވަނީ އެމްޑީޕީގެ ސެކްރެޓޭރިއަށެވެ. ސެކެރެޓޭރިއަޓުގެ ކޮންޓްރޯލް މިހާރު އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ. އެއީ ޕާޓީގެ މިހާރުގެ ޗެއަރޕާސަން، އިކޮނޮމިކް މިނިސްޓަރ ފައްޔަޟު އިސްމާޢީލަކީ ރައީސް ޞާލިޙަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. އަދި އިދާރީ ގިނަ ބޭފުޅުން ތިއްބެވީވެސް ސަރުކާރު ފަޅީގައިކަމަށް ބެލެވެއެވެ.
ހިތްހަމަނުޖެހިގެން އާޒިމް ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދު ޕްރައިމަރީއަށް ކުރިމަތި ލައްވާނެކަމަށް ވިދާޅުވަނިކޮށް އެމަނިކުފާނު މިވަގުތު ރަށުގައިވެސް ވަޑައިންނޫޅުއްވަނީސް އެންމެ 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޕްރައިމަރީއަށް ހުޅުވާލުމަކީ ވަރަށް ހުތުރުކަމެއްކަމަށެވެ.
ކޮންމެކަމެއް ތިހާ ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ
ރަގަޅެއް ނުވާނެ. MDP ޕްރައިމަރީއަށް ކުރިމަތި ލާނެކަމަށް
@MohamedNasheed ވިދާޅުވަނިކޮށް
ރަށުގައިވެސް ވަޑައިންނޫޅުއްވަނީސް ތިޔަ ދިނީ އެންމެ 5
ދުވަހުގެ މުއްދަތެއް. https://t.co/YL99fE3uLR
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 18, 2022
އެމްޑީޕީން މިއަދު ކޮށްފައިވާ ޢިއުލާނުގައި ވަނީ މިއަދުންފެށިގެން ވަނީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލާފައިކަމަށެވެ. އަދި އެޕާޓީން ކޮށްފައިވާ ޢިއުލާނެއްގައިވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށެވެ. ވީމާ މިޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެންބަރުން އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ މިޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުމަށެވެ.
ކޮމެންޓު ފޮނުވާ