ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުޙައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ހާދިސާ ހިނގިތާ ހަފްތާއަކަށް ގިނަ ދުވަސް ވެގެން ދިޔައިރުވެސް ނިޝާމާގެ ހަށިގަނޑު ވަނީ މާލެ ގެނެސް ގަލޮޅު މޯޗަރީގައި ބާއްވާފައެވެ. އަދި ޕޯސްޓްމޯޓަމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާއިރު ފޮނުވޭނެ ވަކި ތާރީހެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ފުލުހުން ވިދާޅުވީ، ނިޝާމާގެ ހަށިގަނޑު ޕޯސްތްމޯޓަމަށް ފޮނުވުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. ޕޯސްޓްމޯޓަމަށް ރާއްޖޭން ބޭރަށް ހަށިގަނޑު ފޮނުވަނީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހުއެވެ.
ނިޝާމާ މަރާ ގުޅިގެން އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީ ވިލާ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. ބަންދުގައި ހުއްޓައި ދަންޖެހިގެން އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާގެ ހާލު ސީރިއަސްގެ ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އަދި އޭނާގެ ގައިގައި ބައެއް ކަހަލަ ޒަޙަމުތައް ހުރިކަމަށް ރަށުގެ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މިކަމުގައި އޭނާގެ ފިރިމީހާއަށް ޝައްކު ކުރަނީ، އޭނާ މަރުވެފައި އޮއްވާ ފެނުނުގެ ވަގުތުގެ ކުރިން ފިރިމީހާ ރަށުން ފުރައިގެން ދިއުމުންނެވެ.