ސަރުކާރުން ކުރާ އެކި ދަތުރުތަކަށް މިއަހަރުވެސް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ދަތުރުފަތުރަށް ކަނޑައެޅި އަދަދަށް ވުރެ 10 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ދަތުރުފަތުރަށް 213 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނީ 24.9 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ބަޖެޓުގައި މިދިޔަ އަހަރު ދަތުރުފަތުރަށް ކަނޑައެޅި ވަރަށްވުރެ އިތުރަށް ހޭދަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ދަތުރުފަތުރަށް 172.3 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް އަހަރު ނިމުނުއިރު ދަތުރުފަތުރަށް 181.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ދަތުރުފަތުރުތަކަށް ކަނޑައެޅީ 237.8 މިލިއަން ރުފިޔާއެވެ. އެ އަހަރު ދަތުރުފަތުރުތަކަށް ހޭދަކުރީ 141.3 މިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރު ދަތުރުފަތުރުތަކަށް 142.1 މިލިއަން ރުފިޔާ ކަނޑައެޅިއިރު އެ އަހަރު ދަތުރުފަތުރުތަކަށް 223.8 މިލިއަން ރުފިޔާ ހޭދަކުރިއެވެ.
މިއަހަރު ދައުލަތުގެ ޖުމްލަ ހަރަދަށް ބަލާއިރު ބަޖެޓުން ވަނީ 38 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 26 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ހޭދައެއް ހިނގާ މުސާރަ އާއި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ކޮމެންޓު ފޮނުވާ