ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އަހަރެއްހާ ދުވަސް ފަހުން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައި މެލޭޝިއާއާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުތަކަށް ޓީމާއިއެކު ފުރައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން މެޗު ކުޅޭއިރު، ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުން މި މަހުގެ 17 ވަނަ ދުވަހެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ޖަލަން ބެސާ ސްޓޭޑިއަމުގައެވެ. މި މެޗުތަކުގައި ވާދަކުރުމަށް އާދީއްތަ ދުވަހުގެރޭ ގައުމީ ޓީމު ވަނީ މެލޭޝިއާއަށް ފުރާފައެވެ.
ގައުމީ ޓީމުން ރަށުން ބޭރުގައި މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު، މެލޭޝިއާ އޮތީ ފީފާ ވޯލްޑް ރޭންކިންގެ 146 ވަނައިގައެވެ. އަދި ސިންގަޕޯ 160 ވަނައިގައި އޮތްއިރު، އެންމެ ފަހުން ނެރުނު ވޯލްޑް ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގައެވެ.
މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުވެސް ގައުމީ ޓީމުން ވަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެގޮތުން ބުރޫނާއީ ދާރުއްސަލާމުގައި ކުޅުނު ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ލާއޯސް އަތުން ރާއްޖެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ގައުމީ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއަށް މި މެޗުތަކުގައި ނުކުޅެވެއެވެ. އެގޮތުން އެންމެ ފަހުން ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމުގެ ކަކުލަށް އަނިޔާވެ އޭނާ ވަނީ ދާދި ފަހުން އޮޕަރޭޝަނެއްވެސް ކޮށްފައެވެ.
މި ފަހަރުގެ ސްކޮޑުގައި ޒުވާން އައު ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު، މެދުކެނޑުމަކަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށްވެސް ވަނީ ފުރުސަތު ދީފައެވެ. އަދި އަނިޔާގެ ސަބަބުން ބުރޫނާއީ އާއި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ނުކުޅެވުނު އިބްރާހީމް އައިސަމްވެސް ވަނީ މި ފަހަރުގެ ސްކޮޑުގައި ހިމަނާފައެވެ.
އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުން އެއީ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އަމާޒެކެވެ. އަދި މުބާރާތްތަކަށް ކުރިމަތިލުމުގެ ކުރިން ޒުވާން ގައުމީ ޓީމެއް ބިނާކުރުން އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މޮރިއޭރޯއަށް ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.