ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބަލިވި ބްރެޒިލްގެ އިތުބާރު ފޯވާ ނޭމާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ވޯލްޑްކަޕުން ކަޓާ ގިނަ ޓީމުތަކުގައި ހިމެނޭ ނަންމަޝްހޫރު ގިނަ ކުޅުންތެރި މުބާރާތަށްފަހު އެނބުރި ޤައުމަށް ދިއުމުގެ ބަދަލުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ދަނީ އަންނަމުންނެވެ. ޗުއްޓީއަށް ޕީއެސްޖީގެ އިތުބާރު ފޯވާޑު ނޭމާ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ނޭމާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓުގައެވެ. ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރާނެ މުއްދަތެއް ސާފެއްނުވެއެވެ. ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ ކައިރިން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަށް ނޭމާ ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ކްރޮއޭޝިއާ ކައިރިން ބްރެޒިލް ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ. މި ބަލިން ލިބުނު ހިތްދަތިކަމުގައި ނޭމާ ރޮމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ.
ކްރޮއޭޝިއާ އާއި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީ ބްރެޒިލްއަށް ލީޑު ނަގައިދިނީ ނޭމާއެވެ. އެ ގޯލާއެކު ނޭމާ ވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭގެ ރިކޯޑާއި އެއްވަރުކޮށްފައެވެ. ނަމަވެސް މެޗު ނިމެނިކޮށް ކްރޮއޭޝިއާ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރުމުން ޖެހުނީ ޕެނެލްޓީ ޖަހާށެވެ.
ބްރެޒިލްގެ މާކުއިނޯޒްގެ ޕެނެލްޓީ ނާކާމިޔާބު ވުމާއެކު ނޭމާ ވަނީ އޭނާގެ ކަރުނަތައް ކޮންޓްރޯލް ނުކުރެވިފައެވެ. ނޭމާ ހުރީ ބްރެޒިލްގެ ފަސްވަނަ ޕެނެލްޓީ ޖަހާށެވެ. ނަމަވެސް އޭނާގެ ކުރިން ޖެހި ކުޅުންތެރިންނަށް ޕެނެލްޓީ ކާމިޔާބު ނުކުރެވުމުން ނޭމާއަށް އެ ޕެނެލްޓީ ޖަހާނެ ފުރުސަތެއްވެސް ލިިބިފައެއް ނުވެއެވެ. މިއީ ނޭމާގެ ފަހު ވޯލްޑްކަޕް ކަމަށް ވުމާއިއެކު، އޭނާއަށް މިމުބާރާތްވެފައިވަނީ ވަރަށް ހިތްދަތި މުބާރާތަކަށެވެ.
ކޮމެންޓު ފޮނުވާ