2016 ވަނަ އަހަރުގެ ފިލްމު "ވަޖާ ތުމް ހޯ" ގެ ތަރި އަދި ކުރީގެ ބިގްބޮސް ގެ ބައިވެރިއެއް ކަމަށްވާ ސަނާ ޚާން އިސްލާމްދީނަށާއި އިންސާނިއްޔަތަށްޓަކައި އެކްޓިންގެ ދާއިރާ ދޫކޮށް މިހާރު އޭނާ ވަނީ ކައިވެންޏެއް ކޮށްފައެވެ.
އޭނާގެ ކައިވެނީގެ ފޮޓޯ ތަކާއި ވީޑިއޯތަށް މިހާރު ސޯޝަލް މީޑިއާގައި ދައުރު ވާއިރު، މަޝްހޫރު ފޮޓޯގުރަފަރ ވިރަލް ބަޔާނީ ޕޯސްޓުކޮށްފައިވާ ވީޑިއޯއެއް ގައި ފެނިގެންދަނީ ސަނާ އޭނާގެ ފިރިމީހާ މުފްތީ އަނަސް އާއެކު ސިޑިން ފައިބައިގެން އަންނަނިކޮށެވެ. މުޅިގައި ފޮރުވޭގޮތަށް ލައިގެން ހުރި ހުދުކުލައިގެ ވެޑިންގ ޑުރެސް ގައި ސަނާ ފެންނަނީ ވަރަށްވެސް އުފާވެރިކޮށެވެ. އަދި ދެމީހުން އެކުގައި ކޭކު ފަޅައި އޭނާގެ ފިރިމީހާއަށް ކޭކު ކާންދޭތަންވެސް ވީޑިއޯގައި ފެނިގެންދެއެވެ.
ހުކުރު ދުވަހުގެ ރޭ ގުޖުރާތުގައި ކުރި ކައިވެނީގެ ފޮޓޯތަކެއް އިއްޔެ މީސްމީޑިއާގައި ދައުރުވިފަހުން، ސަނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އަމިއްލައަށް ފޮޓޯއެއް ހިއްސާކޮށްފައެވެ.
33 އަހަރުގެ ސަނާގެ ކުއްލި ކައިވެނިން ފޭނުންވަނީ ހައިރާން ކޮށްލާފައިއެވެ. މި ކައިވެނީގެ ކުރިން ސަނާ ވަނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕް އަކަށް ގޮސްފައިއެވެ. ނަމަވެސް އެގުޅުން ކެނޑުމުގެ ތުހުމަތު ސަނާ އަޅުވަނީ އޭރުގެ ލޯބިވެރިޔާ މެލްވިންގެ ބޮލުގައިއެވެ.
2005 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ސަނާ އާންމު ގޮތެއްގައި ފިލްމު ތަކުން ފެނިފައި ވަނީ ހާއްސަ ފެނިލުމަކުން ނުވަތަ ކުރު ރޯލް ތަކުން ނެވެ. ނަމަވެސް2016 ވަނަ އަހަރު ބޮކްސް އޮފީހުަގައި ކާމިޔާބު ފިލްމު "ވަޖާ ތުމްހޯ" ގައި އޭނާ ހިމެނުނީ ލީޑް ކާސްޓުގެ ތެރޭގައެވެ. ސަނާ އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި ޓީވީ ޝޯވ ތަކުންނެވެ. އޭގެތެރޭގައި ބިގް ބޮސްގެ އެކި ސީޒަންތައް ފާހަގަކޮށްލެވެ އެވެ.
ކޮމެންޓު ފޮނުވާ