އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރާ ފައިނަލް ބުރު މިމަހުގެ 25 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
އަޝްފާގު ފައިނަލަށް ދަތުރުކޮށްފައިވަނީ އޭނާއައި ވާދަކުރި އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އާއި ވާދަކޮށް 54.56 އިންސައްތަ ވޯޓެވެ. އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ އަށް ލިބިފައިވަނީ 45.32 އިންސައްތަ ވޯޓެވެ.
މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާ ޖާގަ ހޮންގ ކޮންގްގެ ޗަން ސިއު ކީ އާއެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. ޗަން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.
އަޝްފާޤު ފައިނަލަށް ގެންދިއުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކާއި، އެކުގައި ކުރި ޤައުމީ ބޮޑު ކެމްޕެއިން ދެގުނަކޮށް ފައިނަލްގައި ވަރުގަދަ ކެމްޕެއިނެއް ކުރެވިއްޖަނަމަ ރާއްޖެއަށް މިފަހަރުގެ އޭއެފްސީ ބްރެކްޓެޗް ޗެލެންޗު ކާމިޔާބް ނުކުރެވެންވީ ސަބަބެއްނެތެވެ. އެތައް މިލިޔަން މީހުންގެ އާބާދީތައް އޮތް ޤައުމުތައް ބަލިކޮށް ދިވެހިންނާއި އެކު އަޝްފާޤަށް ފައިނަލަށް ދެވުނު ފަދައިން މި ރަންވަނަ ނުހޯދޭންވީ ސަބަބެއްވެސް ނެތެވެ.
ކުރިއަށް މިއޮތް 2 ދުވަހު ރަނގަޅު ކެންޕޭނެއްކޮށް ހުކުރު ދުވަހު ވޯޓްލާން ހުޅުވާލާ ވަގުތުން ފެށިގެން ފަހުވަގުތާއި ހަމައަށް ދިވެހިންގެ ސާބިތުކަމާއި ހިއްވަރާއިއެކު ޤައުމަށް ރީތިނަން ހޯދައި ދިނުމަށް އެއް އަޒުމެއްގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިއީ ދިވެހިންނަށް ނުވާނެ ކަމެއް ނޫންކަން އަޝްފާޤާއިއެކު ފައިނަލާއި ހަމަޔަށް ކުރި ވަރުގަދަ ކެންޕެއިންނުންވެސް ހާމަވެއެވެ.
ގަލޮޅު ދަނޑުގައި ދިވެހި ޤައުމީ ޓީމު ބަލިކުރަން އުދަގޫވާފައިން ދިވެހިންގެ އަތުގައި އޮތް ވޯޓަކުން ދިވެހިން ބަލި ނުކުރެވޭނެކަން މިވޯޓުން ސާބިތުކޮށް ދޭން އެންމެން އަޒުމެއްގައި މަސައްކަކަތް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މިއީ ބޭރު ދުނިޔެއަށް ދިވެހިންނަކީ ޤައުމީ ކަންކަމުގައި އެއްބައިވަންތަ ބައެއްކަން ހާމަކޮށްދޭންވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.