އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ފައިނަލް ބުރަށް ދަތުރުކުރުމާއިއެކު އޭނާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ދިވެހި ރައްޔިތުންނަށް އަދާކޮށްއެވެ.
އަޝްފާޤް ފައިނަލް ބުރަށް ދަތުރުކުރުމާއިއެކު އޭނާ ކުރި ޓްވީޓުގައި ވަނީ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް އަޝްފާޤު ވަނީ ބުނެފައެވެ.
الحمدلله! އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން! pic.twitter.com/3AOWwY60bO
— Ali Ashfaq (@AliAshfaq07) November 22, 2020
އަޝްފާގު ފައިނަލަށް ދަތުރުކޮށްފައިވަނީ އޭނާއައި ވާދަކުރި އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އާއި ވާދަކޮށް 54.56 އިންސައްތަ ވޯޓެވެ. އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ އަށް ލިބިފައިވަނީ 45.32 އިންސައްތަ ވޯޓެވެ.
އަޝްފާޤު މި ވޯޓް ކާމިޔާބް ކޮށްފައިވަނީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ވޯޓާއި އެކުގައެވެ. އަދި އޭނާއަށް ވޯޓު ހޯދުމަށް އެތައްހާސް ބަޔަކު ކެންޕެއިންކޮށް ވޯޓު ހޯދުމަށް އެކި މަސައްކަތް ކޮށްފައިވެއެވެ. ދިވެހިންގެ ފަހުރުވެރި ޤާއުމި ކުޅިވަރު، އަދި ފަހުގެ ތާރީހުގައި ދިވެހިންގެ އުންމީދުތަށް ފުޓުބޯޅާގައި ހަސިލް ކޮށްދިން ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު ފައިނަލަށް ދަތުރު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
"އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ވަނީ ހޯދާފައެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. މިއަދު މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.