މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރުކަމަށް، އެގައުމުގެ ރަސްގެފާނު، ކިންގ އަބުދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ އަންވަރު އިބުރާހިމް އައްޔަން ކުރައްވާފައެވެ. އޭނާ މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވިގެން ދިޔައީ، ފާއިތުވެދިޔަ ހަފްތާގެ ހޮނިހިރު ދުވަހު މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބު އަންވަރުގެ ޕަކަތަން ހަރަޕަން (PH) އިން ކާމިޔާބުކޮށް، އޭނާގެ "އުއްމީދީ ކޯލިޝަން" އިން މެޖޯރިޓީ ގޮންޑިތައް ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް އަންވަރު އިބުރާހިމް މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، ފަހަރެއްގައިވެސް ހަމައެކަނި އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ އެންމެ ފަހުން ބޭއްވިގެންދިޔަ އާންމު އިންތިޚާބުގައި އޭނާގެ ކޯލިޝަނަށް ކާމިޔާބު ކުރެވުމާއި ގުޅިގެން އެކަންޏެއް ނޫނެނެވެ.
އޭނާއަކީ މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އޭނާ ދެކެވަޑައިގަންވަމުން ގެންދެވި ހުވަފެންފުޅުގައި، ދިގު 24 އަހަރު ވަންދެން ތަކުލީފުތަކާއި، އެތައް އަނިޔާއަކާއި، ނުހައްގު ދައުވާތަކާއި، ޖަލު ހުކުމްތަކާއި، އަދި އެނޫނަށް ސިޔާސީ އެންމެ މަތީ ހަރުފަތަށް ވަޑައިގެންނެވުމަށް އެތައް ދަތި އުދަގޫ ގޮންޖެހުންތަކެއް ގިރާ ކުރައްވާފައިވާ، މެލޭޝިއާގައި މިވަގުތު ހުންނެވި ސިޔާސީ އެންމެ ތަޖުރިބާކާރު ޝަޚުސިއްޔަތެވެ.
އުމުރުން މިހާރު 75 އަހަރުގެ އަންވަރު އިބުރާހިމް ސިޔާސީ މަސައްކަތުގައި ހޭދަ ކުރައްވާފައިވާ ބައި ގަރުނެއްހާ ދުވަހުގެ މުއްދަތުގައި އޭނާވަނީ ސިޔާސީގޮތުން އެތައް ބައްޔަކާއި ކުރިމަތިލައްވާ، މަގުމަތީ ހަރަކާތްތައް ހިންގަވާ، އަދި ޑިމޮކްރަޓިކް ރީފޯމް އެގައުމަށް ގަނައުމަށްޓަކާ ކުރެވިގެންދިޔަ ސިޔާސީ ހަރަކާތްތަކުގެ އިތުރުން، ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުންނަވައިގެން އުފެއްދެވި، ގިނަ ދަރިކޮޅެއް އެކުލެވޭ ކޯލިޝަން އިސް ލީޑަރުގެ ހައިސިއަތުން ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަވާފައެވެ.

ދިގު 30 އަހަރުގެ ގޮންޖެހުންތައް ގިރާ ކުރުމަށް ފަހު، މިމަހުގެ 23 ވަނަ ދުވަހު މެލޭޝިއާގެ 10 ވަނަ ބޮޑުޒީރުކަމުގެ ހުވާ ކުރެއްވި އަންވަރު އިބިރާހިމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1947 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާގެ އާއިލާއަކީ ސިޔާސީ އާއިލާއެކެވެ.
މިގޮތުން އަންވަރު އިބުރާހިމްގެ ބައްޕާފުޅު އިބުރާހިމް އަބުދުއްރަހުމާންއަކީ މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ މަންމާފުޅު، ޗެން ޔަން ހުސެއިންއަކީ، މެލޭޝިއާގެ އުތުރުގެ ސްޓޭޓެއް ކަމުގައިވާ ޕިނޭންގގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު ޕިނޭންގއަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ.
ސިޔާސީ ހަރަކާތްތަކަށް ނިކުންނެވުން!
އަންވަރު އިބުރާހިމް އޭނާގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ 1971 ވަނަ އަހަރު އޭނާ އުފެއްދެވި މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާއިންނެވެ. އޭގެފަހުން އޭނާވަނީ އެގައުމުގެ ރަށްފުށު ހިސާބުގައި އޮތް ފަގީރުކަމާއި، އަދި އިޖުތިމާއީ އިގްތިސާދީ ހާލަތާއި ދެކޮޅަށް، އިސްކޮށް ހުންނަވާ ހަރަކާތްތައް ހިންގަވާފައެވެ.
ސިޔާސީ ހަޔާތުގެ ކުރީކޮޅު އަންވަރު ހިންގަވަން ފެއްޓެވި ސިޔާސީ ހަރަކާތްތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުއެވެ. އަދި ފަހުން މަހާތީރު ވަނީ އޭރު އޭނާ ލީޑަރުކަން ކުރައްވަމުން ގެންދެވި މެލޭސް ނޭޝަނަލް އޯގަނިޒޭޝަން (އަމްނޯ) އާއި ގުޅުމަށް އަންވަރަށް ހިތްވަރު ދެއްވާފައެވެ.
މިގޮތުން އަންވަރު އަމްނޯ އާއި ގުޅިވަޑައިގަތީ 1982 ވަނަ އަހަރުއެވެ. އަމްނޯއަކީ 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން 2018ވަނަ އަހަރުގެ އިންތިޚާބުން އެޕާޓީ ބަލިވުމާއި ހަމައަށް، 60 އަހަރުގެ ދިގު މުއްދަތެއްގައި މެލޭޝިއާގައި ވެރިކަން ކޮށްފައިވާ ޕާޓީއެވެ.
އެއަށްފަހު އަންވަރު ވަނީ ސަރުކާރުގެ ތަފާތު މަގާމްތަކުން ކުރު މުއްދަތެއްގައި ކުރިޔަށް ވަޑައިގެން، މާހާތީރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި އަދި އެންމެ ފަހުން ބޮޑުވަޒީރުގެ ނާއިބުކަންވެސް ކުރައްވާފައެވެ.
މަހާތީރުއާއި އަންވަރާއި ދެބޭފުޅުންގެ ވެރިކަމުގެ ކުރީކޮޅު ދެބޭފުޅުން ފާހަގަވެގެން ދިޔައީ، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ހަރަކާތްތެރި ދެ ލީޑަރުންގެ ގޮތުގައެވެ. އެއީ މެލޭޝިއާވެސް ތަރައްގީއާއި ތަމައްދުނުގެ ރޮގުގައި ކުރިއަރާއިގެން ދިޔަ ދައުރެއްވެސް މެއެވެ.
އެހެންނަމަވެސް 90ގެ އަހަރުތަކުގައި (1997 އިން 1998 އަށް) ޑރ. މަހާތީރާއި އަންވަރުއާއި ދެބޭފުޅުންގެ މެދުގައި އޮތް ގުޅުން ހިނަރުވާން ފަށާފައި ވެއެވެ. މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ދެބޭފުޅުންގެ މެދުގައި އޮތް ގުޅުން ހީނަރުވާން މެދުވެރިވީ އެއް ސަބަބަކީ، މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އަންވަރުގެ ހިތްޕުޅުގައި އޮތް ކެތްތެރިކަން މާބޮޑުތަކުން ކުޑަވެގެން ދިއުމެވެ. އަދި އެ މަސައްކަތުގައި އަވަސް އަރުވާލުމެވެ.

މިގޮތުން، އޭރު ނުފޫޒު ގަދަކޮށް، މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ވަޑައިގެންނެވި މަހާތީރު ވަނީ އޭނާއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި އަންވަރު މަގާމުން ދުރުކޮށްފައެވެ. އަދި ވެރިކަން ކުރަމުން އައި އަމްނޯ ޕާޓީންވެސް އަންވަރު ވަކިކުރެވި، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގައި 1998 ވަނައަހަރު އަންވަރު އިބުރާހިމް ޖަލަށް ލެވުނެވެ. އޭނާ ޖަލަށް ލެވުނީ ކޮރަޕްޝަނާއި، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައެވެ.
އަންވަރު އިބުރާހިމްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ އޭނާ 6 އަހަރަށް ޖަލައް ލާން ހުކުމް ކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ. އަދި ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގާފައިވާކަމުގެ ތުހުމަތުގައި އިތުރު 9 އަހަރުގެ ޖަލު ހުކުމެއް، ޖެހިގެން އައި އަހަރު އޭނާގެ މައްޗަށް އިއްވާފައި ވެއެވެ.
މި ދެ ހުކުމްވެސް އޭނާ ތަންފީޒު ކުރަންޖެހޭ ގޮތަށް ކޯޓުން ހުކުމް އިއްވާފައިވަނީ އެއް ހުކުމް ފުރިހަމަކޮށް ނިމުމަށްފަހު އަނެއް ހުކުމް ތަންފީޒުކުރަން ޖެހޭ ގޮތަށެވެ. އޭނެ ނަތީޖާއަކަށް ވެގެން ދިޔައީ ޖުމްލަ 19 އަަހަރުގެ ދިގު ޖަލު ހުކުމަކާ އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ.
ފެށުނީއްސުރެވެސް އަންވަރު ވިދާޅުވަމުން ގެންދަވާފައިވަނީ އޭނާގެ މައްޗަށް ކުރެވެމުން ގޮސްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.
އަންވަރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، އޭރު އެގައުމުގެ ފުލުހުންގެ އިސްވެރިއާގެ މަގާމުގައި ހުންނެވި، ޕޮލިސް ޗީފްވަނީ، ޖަލުގައި ހުންނަވަނިކޮށް އަންވަރަށް ކޮށްފައިވާ އަނިޔާތަކުން، އޭނާގެ ލޮލަށް ލިބިފައިވާ ގެއްލުންތަކުގެ ނަތީޖާއެއްގެ ގޮތުން، އޭނާގެ ލޯ ނޫފައިގެންފައި ވަނިކޮށް ނަގާފައިވާ ފޮޓޯތައް އާންމު ކުރައްވާފައެވެ.
މި ފޮޓޯތަކަށް ދުނިޔޭ އެކި ކަންކޮޅުތަކުގައި، މީޑިއާގެ ސަމާލުކަން އައިސްފައި ވެއެވެ.
އެހާތަނުން އަންވަރު، މެލޭޝިއާގައި ވެގެން ގޮސްފައިވަނީ އެގައުމުގައި ކުރިޔަށްދިޔަ އިސްލާހީ ހަރަކާތުގެ ރަމްޒު ކަމުގައެވެ. އަދި އޭރުވެސް، އޭނާގެ ޖަލު ހުކުމާއި ދެކޮޅަށް މެލޭޝިއާގައި އަންވަރަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުންދިޔަ މަގުމަތީ ހަރަކާތްތައް ބަދަލުވެގެން ގޮސްފައިވަނީ، އެގައުމުގައި ކުރިޔަށްދިޔަ އިސްލާހީ ބޮޑު ހަރަކާތަކަށެވެ.
ޖަލުން މިނިވަން ވުން!
1999 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމް ތަންފީޒު ކުރަމުން އައި އަންވަރުގެ މައްޗަށް ކޮށްފައިވާ، ނުހަމަ ގޮތުގައި ޖިންސީ ގުޅުން ހިންހުމުގެ ކުށުގައި ކޮށްފައިވާ ހުކުމް 2004 ވަނަ އަަހަރު މެލޭޝިއާގެ ސުޕްރިމް ކޯޓުން ބާތިލްކޮށް އޭނާ މިނިވަން ކުރުމަށް އަމުރު ކޮށްފައި ވެއެވެ.
އެއަށްފަހު އަންވަރު އިބުރާހިމް ވަނީ ކުރު މުއްދަތަކަށް ސިޔާސީ ހަރަކާތްތަކުން ދުރަށް ވަޑައިގެން، ތައުލީމީ މަސައްކަތަށް ޚާއްސަ ވެވަޑައިގެންފައެވެ. އެހެންނަމަވެސް އަނެއްކާވެސް، 2013 ވަނަ އަހަރު އެބުރި ސިޔާސީ މަސައްކަތަށް ވަޑައިގަތެވެ. އެއަހަރު ބޭއްވުނު އާންމު އިންތިޚާބުގައި އިދިކޯޅު ލީޑަރެއްގެ ގޮތުގައި އަންވަރު ވާދަ ކުރައްވާފައި ވެއެވެ.
އެއަހަރުގެ އިންތިޚާބުގައި އޭނާ އުފެއްދެވި ކޯލިޝަނަށް %50.87 ވޯޓ ލިބުނު ނަމަވެސް، ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ އޭނާގެ ކޯލިޝަނަށް ހޯދޭ ގޮތެއް ނުވިއެވެ. އެއާއެކުވެސް، 6 ދަރިން ބައްޕައާއި ގުޅިގެން މެލޭޝިއާގެ ސިޔާސީ މަސްރަހުގައި ހުރި ޚިޔާލު ތަފާތުވުންތަކަށް ނިމުން އައިސްފައެއް ނުވެއެވެ.
އަނެއްކާވެސް، ނުހަމަ ގޮތުގައި ޖިންސީގުޅުން ހިންގުމުގެ ތުހުމަތުގައި އަންވަރު 2015 ވަނަ އަހަރު، 5 އަހަރު ދުވަހަށް ޖަލަށް ލެވުނެވެ. އެހެންނަމަވެސް އަންވަރު ވިދާޅުވަމުން ގެންދެވީ އޭނާގެ މައްޗަށް ކުރެވެމުން ދިޔައީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.
އޭގެ 3 އަހަރުފަހުން އަންވަރަށް މާފް ދީފައިވަނީ މެލޭޝިއާގެ ރަސްގެފާނެވެ. ޖަލުން މިނިވަން ވުމާއެކު އަންވަރު ސިޔާސީ މައިދާނަށް އެބުރި ވަޑައިގަތެވެ. އަދި ޖެހިގެންއައި އާންމު އިންތިޚާބުގައި ވާދަކޮށް، ގާނޫނުހަދާ މަޖިލީހަށް އަންވަރު އިންތިޚާބުވެ ވަޑައިގަތެވެ.

24 އަހަރުގެ ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކޮށް، ބޮޑުވަޒީރުކަމަށް!
މެލޭޝިއާގައި 2018ވަނަ އަހަރު ބޭއްވުނު ތާރީޚީ އާންމު އިންތިޚާބު ވެގެން ދިޔައީ އެގައުމުގެ ތާރީޚު ބަދަލުކުރުވި އާންމު އިންތިޚާބެއް ކަމުގައެވެ.
އެއަހަރު އާންމު އިންތިޚާބުގައި އަންވަރުއާއި، އޭނާ ތާރީޚީ ސިޔާސީ ވާދަވެރިޔާ، އަދި އަންވަރު ޖަލަށް ލެއްވި މަހާތީރުއާއި ދެބޭފުޅުން ކޯލިޝަން ހައްދަވައިގެން ވާދަކޮށްފައިވަނީ، އެހާތަނާއި ހަމައަށް މެލޭޝިއާގައި ވެރިކަން ކުރަމުން އައި، ދެބޭފުޅުންވެސް ކުރިން ނިސްބަތްވި، އަމްނޯގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.
އޭރު އަމްނޯ އޮތީ، އެޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރައްވަމުން ވަޑައިގެންނެވި ނަޖީބު ރަޒަކުގެ މައްޗަށް ކުރެވިގެން ގޮސްފައިވާ، ބިލިއަން ޑޮލަރުގެ ކޮރަޕްޝަން (ވަން އެމްބީޑީގެ ކޮރަޕްޝަން)ގެ ތުހުމަތުގައި، ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ.
މިގޮތުން 2018 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި މަހާތީރާއި އަންވަރު ވަނީ، ކޮރަޕްޝަންގެ ތުހުމަތުގައި މިހާރު 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނަޖީބު ރަޒަކް ބަލިކޮށް އަމްނޯގެ މައްޗަށް ކުރި ހޯއްދަަވާފައެވެ.
އެއަށްފަހު، މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އަންވަރުގެ ކުރީގެ ސިޔާސީ ވާދަވެރިޔާ، އަދި އެ އިންތިޚާބުގެ ކޯލިޝަން ޕާޓްނަރު މަހާތީރު މުހައްމަދެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ބޮޑުވަޒީރުކަން އަންވަރާއި ހަވާލު ކުރެއްވުމަށް ދެބޭފުޅުންގެ މެދުގައި އެއްބަސް ވެވަޑައިގެންނެވެ.

އެހެންނަމަވެސް މަހާތީރުގެ މި ވައުދު އޭނާ ފުއްދަވާފައެއް ނުވެއެވެ. އަދި އެ ކޯލިޝަން ރޫޅި، ބޮޑުވަޒީރުކަމަށް 22 މަސްދުވަސް ފުރުނުތަނާ މަހާތީރު ވަނީ މަގާމުން އިސްތުއުފާ ދެއްވާފައެވެ.
އެއަށްފަހުވެސް މެލެޝިއާގައި އާންމު އިންތިޚާބެއް ބޭއްވުމަކާ ނުލާ، ގާނޫނުހަދާ މަޖިލިހުގެ ތެރެއިން ހެދުނު ކޯލިޝަންތަކުގެ ތެރެއިން 2 ބޭފުޅަކު ބޮޑުވަޒީރުކަމަށް ވަޑައިގެންފައި ވެއެވެ. އެއާއެކުވެސް، ގާނޫނު ހަދާ މަޖިލިހުގެ ހެދެމުންއައި ކޯލިޝަންތައް ނުދެމެހެއްޓި، ދައުރު ހަމަވުމުގެ 10 މަސްކުރިން މެލޭޝިއާގައި އާންމު އިންތިޚާބު ބާއްވަން ޖެހުނީ، ވަގުތީ ބޮޑުވަޒީރުކަމުގައި ހުންނެވި އިސްމާއިލް ސަބުރީ ފާއިތުވެދިޔަމަހު އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލެއްވުމާއި ގުޅިގެންނެވެ.
މިގޮތުން، ފާއިތުވި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުނު މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ އައުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުހޯދި، އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިނދިކޮޅު ދެ ކެނޑިޑޭޓުން ކަމަށްވާ އަންވަރު އިބުރާހިމްއާއި ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންވެސް އިއުލާން ކޮށްފައި ވެއެވެ.
އެހެންނަމަވެސް، ފާއިތުވެދިޔަ ހަފްތާ ބަންދުގައި މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) ކޯލިޝަންއެވެ. މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ވަކީ ޕާޓީއަކަށް ލިބުމަށް، 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.
އިންތިޚާބަށްފަހު އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) އާއި، ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިންގެ މެލޭ-މުސްލިމް ޕެރިކަތަން ނޭޝަނަލް (PN) ކޯލިޝަންއިންވެސް ވަނީ ސަރުކާރެއް އުފެއްދުމަށް ކުދި ޕާޓީތަކާ މަޝްވަރާތައް ކޮށްފައެވެ.
އެހެންނަމަވެސް ދެ ކޯލިޝަނުންކުރެ އެއްވެސް ކޯލިޝަންއަކަށް މިމަޝްވަރާތަކުން އަލިމަގެއް ފެނިގެން ނުދިއުމުން މެލޭޝިއާގެ ރަސްގެފާނު، ކިންގ އަބުދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ އަންވަރު އިބުރާހިމްގެ އިތުރުން މުހުޔިއްދީންއާއި އަދި އަލަށް އިންތިޚާބުވި މެމްބަރުންނާވެސް ބައްދަލު ކުރައްވާ، ކުރިޔަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުންތަކަށްފަހު، ބުރާސްފަތި ދުވަހު ރަސްގެފާނު އިއުލާން ކުރައްވާފައިވަނީ، އާ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދެއްވާނީ، ގާނޫނުހަދާ މަޖިލިހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އަންވަރު އިބުރާހިމްގެ ކޯލިޝަނަށް ކަމުގައެވެ.
ހުރިހާ ސިޔާސީ ފަރާތްތަކަށްވެސް، ގައުމުގެ މަސްލަހަތަށް އިސްކަން ދީގެން، އެކީގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމުން، ރަސްގެފާނު ވިދާޅުވެފައިވަނީ މި އިންތިޚާބު އެއްވެސް ޕާޓީއަކަށް ކާމިޔާބު ކުރެވިފައި ނުވާއިރު، އިންތިޚާބުން އެއްވެސް ޕާޓީއެއް ބަލިވެފައިވެސް ނުވާކަމުގައެވެ.
25 އަހަރު ވަންދެން ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެންފުޅުގައި ކުލަ ޖައްސަވާ، އަންވަރު އިބުރާހީމް މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ، މިމަހުގެ 24ވަނަ ދުވަހުގެ ހަވީރު މެލޭޝިއާގެ ގަޑިން 5:00 ގައެވެ.