50 ރުފިޔާގެ އައު ނޫޓެއް އަންނަމަހު ޗާޕް ކުރަނީ

50 ރުފިޔާގެ އައު ނޫޓެއް އަންނަމަހު ޗާޕް ކުރަނީ

މިހާރު ދައުރުވަމުންދާ ދިވެހި ފައިސާގެ ތެރެއަށް 50 ރުފިޔާގެ އައު ނޫޓެއް ތައާރަފް ކުރުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ މިނޫޓުގެ ދެފުށުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. މިގޮތުން، މި އާނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

އަލަށް ނެރޭ މިނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ މިހާރުގެ ގަވަނަރު އަލީ ހާޝިމެވެ. މި ނޫޓުގައި ޖަހާފައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

އެމްއެމްއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، އަލަށް ޗާޕުކޮށްގެން މި ނެރޭ 50 ރުފިޔާގެ އާ ނޫޓާއެކު، މިހާރު ބޭނުން ކުރެވެމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ އެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރެވެކުންދާ ފައިސާގެ ނޫޓްތަކަކީ، ކުރިން ބޭނުން ކުރެވެމުން އައި ނޫޓުތަކުގެ ބަދަލުގައި 2016 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ފައިސާގެ ނޫޓު ތަކެކެވެ. މިހާރު ބޭނުން ކުރެވެމުންދާ ނޫޓުތައް ނެރެދެއްވާފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ. މި ނޫޓުތައް، ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްއާ ދިމާކޮށް ތައާރަފް ކޮށްފައިވަނީ ޒަމާނީ ކަރުދާހުގައި ސެކިއުރިޓީގެ އާ ފީޗާތައް ހިމަނައިގެންނެވެ.

މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އޭރު އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.