ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން އެ ވިޔަފާރިތަކަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވުނު "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025″ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުޙައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގައި އީޖާދީ އިގްތިސާދެއް ބިނާކުރުމުގެ ސިޔާސަތަކީ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އަދި މި އިގްތިސާދުގެ މައި މަސައްކަތްތަކާއި ދިރުންހުރި ޚިދުމަތުގެ ސަފުހާތަކުގެ ބޮޑުބައެއް ލިޔެވެމުން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް ކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، އައު އީޖާދުތައް ކުރުމުގައި މި ވިޔަފާރިތަކުގެ ދައުރު ފާހަގަކުރައްވަމުން، މި ވިޔަފާރިތައް ހިންގަވާ ފަރާތްތަކަކީ މުޖުތަމައުގެ ތަރައްޤީއަށް ބުރަ މަސައްކަތްތަކެއް ކުރައްވާ، ޤައުމީ ތަރައްޤީގައި ބޮޑު ޤުރުބާނީއެއް ވެވަޑައިގަންނަވާ ޚިދުމަތްތެރީން ކަމުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ.
21 ވަނަ ޤަރުނުގައި ފެންނަމުންދާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޑިޖިޓަލް މާކެޓުތަކުގެ ފުރުސަތުތަކުގެ ވާހަކަ ދައްކަވަމުން، މި ދާއިރާތަކުން އެންމެ ފުރިހަމަ ކާމިޔާބީ ހޯދުމަށް ވިޔަފާރިވެރިން އައު ހުނަރުތަކާއި އުކުޅުތައް ދަސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް މާލީ އެހީތެރިކަމާއި، ފަންނީ ތަމްރީނުތަކާއި، ޤާނޫނީ ލުއިތައް ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން އިންތިޒާމުކޮށްގެން ބޭއްވި މި ރަސްމިއްޔާތުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިންގެ ދައުރު ފާހަގަކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ. މީގެ އިތުރުން ޤައުމުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަކީވެސް މި ރަސްމިއްޔާތުގެ މުހިންމު މަޤްޞަދެކެވެ.