މެލޭޝިއާގެ ބޮޑުވަރީޒުކަމަށް އަންވަރު އައްޔަން ކުރައްވައިފި

މެލޭޝިއާގެ ބޮޑުވަރީޒުކަމަށް އަންވަރު އައްޔަން ކުރައްވައިފި

ގުޅުންހުރި

1990ގެ ކުރީކޮޅު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ޖަލަށް ލެވުނުގޮތަށް، ގިނަ ތުހުމަތުތަކާއެކު އެތަކެއް އަހަރުތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށްފަހު، އެންމެ ފަހުން ބޭއްވުނު އާންމު އިންތިޚާބު ކާމިޔާބުކުރައްވާ، މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރަކަށް އަންވަރު އިބުރާހިމް ވެވަޑައިގެންވިއެވެ.

ފާއިތުވެދިޔަ ހަފްތާ ބަންދުގައި މެލޭޝިއާގައި ބޭއްވުނު އާންމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) ކޯލިޝަންއެވެ. އެހެންނަމަވެސް މި އިންތިޚާބުގައި ވަކި އެއްވެސް ޕާޓީއަކަށް ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ހޯދިފައެއް ނުވެއެވެ. މެލޭޝިއާގެ ގާނޫނުހަދާ މަޖިލިހުގެ މެޖޯރިޓީ ވަކީ ޕާޓީއަކަށް ލިބުމަށް، 222 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.

އިންތިޚާބަށްފަހު އަންވަރު އިބުރާހިމްގެ ޕަކަތަން ހަރަޕަން (PH) އާއި، ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި، ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސިންގެ މެލޭ-މުސްލިމް ޕެރިކަތަން ނޭޝަނަލް (PN) ކޯލިޝަންއިންވެސް ވަނީ ސަރުކާރެއް އުފެއްދުމަށް ކުދި ޕާޓީތަކާ މަޝްވަރާތައް ކޮށްފައެވެ.

އެހެންނަމަވެސް ދެ ކޯލިޝަނުންކުރެ އެއްވެސް ކޯލިޝަންއަކަށް މިމަޝްވަރާތަކުން އަލިމަގެއް ފެނިގެން ނުދިއުމުން މެލޭޝިއާގެ ރަސްގެފާނު، ކިންގ އަބުދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ އަންވަރު އިބުރާހިމްގެ އިތުރުން މުހުޔިއްދީންއާއި އަދި އަލަށް އިންތިޚާބުވި މެމްބަރުންނާވެސް ބައްދަލު ކުރައްވާ، ކުރިޔަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުންތަކަށްފަހު، ބުރާސްފަތި ދުވަހު ރަސްގެފާނު އިއުލާން ކުރައްވާފައިވަނީ، އާ ސަރުކާރެއް އުފެއްދުމުގެ ފުރުސަތު ދެއްވާނީ، ގާނޫނުހަދާ މަޖިލިހުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އަންވަރު އިބުރާހިމްގެ ކޯލިޝަނަށް ކަމުގައެވެ.

ހުރިހާ ސިޔާސީ ފަރާތްތަކަށްވެސް، ގައުމުގެ މަސްލަހަތަށް އިސްކަން ދީގެން، އެކީގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމުން، ރަސްގެފާނު ވިދާޅުވެފައިވަނީ މި އިންތިޚާބު އެއްވެސް ޕާޓީއަކަށް ކާމިޔާބު ކުރެވިފައި ނުވާއިރު، އިންތިޚާބުން އެއްވެސް ޕާޓީއެއް ބަލިވެފައިވެސް ނުވާކަމުގައެވެ.

ރަސްގެފާނު ވިދާޅުވެފައިވާ ގޮތުގައި، މިއަދު ހަވީރު މެލޭޝިއާގެ ގަޑިން 5:00 ގައި އާ ބޮޑުވަޒީރު އަންވަރު އިބުރާހުމް މަގާމުގެ ހުވާ ކުރައްވާނެ ކަމުގައެވެ.

އަންވަރު އިބުރާހިމް އޭނާގެ ސިޔާސީ ހަޔާތް ފައްޓަވާފައިވަނީ 1971 ވަނަ އަހަރު އޭނާ އުފެއްދެވި މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާއިންނެވެ. އޭގެފަހުން އޭނާވަނީ އެގައުމުގެ ރަށްފުށު ހިސާބުގައި އޮތް ފަގީރުކަމާއި، އަދި އިޖުތިމާއީ އިގްތިސާދީ ހާލަތާއި ދެކޮޅަށް، އިސްކޮށް ހުންނަވާ ހަރަކާތްތައް ހިންގަވާފައެވެ.

އެއަށްފަހު އޭނާ ހިންގަވަން ފެއްޓެވި ސިޔާސީ ހަރަކާތްތަކަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުއެވެ. އަދި ފަހުން މަތީރު ވަނީ އޭރު އޭނާ ލީޑަރުކަން ކުރައްވަމުން ގެންދެވި މެލޭސް ނޭޝަނަލް އޯގަނިޒޭޝަން (އަމްނޯ) އާއި ގުޅުމަށް އަންވަރަށް ހިތްވަރު ދެއްވާފައެވެ.

އަމްނޯއަކީ 1957 ވަނަ އަހަރު މެލޭޝިއާއަށް މިނިވަންކަން ލިބުނު ފަހުން 2018ވަނަ އަހަރުގެ އިންތިޚާބުން އެޕާޓީ ބަލިވުމާއި ހަމައަށް މެލޭޝިއާގައި ވެރިކަން ކޮށްފައިވާ ޕާޓީއެވެ.

އެއަށްފަހު އަންވަރު ވަނީ ސަރުކާރުގެ ތަފާތު މަގާމްތަކުން ކުރު މުއްދަތެއްގައި ކުރިޔަށް ވަޑައިގެން، މާހާތީރުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި އަދި އެންމެ ފަހުން ބޮޑުވަޒީރުގެ ނާއިބުކަންވެސް ކުރައްވާފައެވެ.

އެހެންނަމަވެސް 90ގެ އަހަރުތަކުގައި އައި އޭޝިއަން ފައިނޭޝަލް ކްރައިސިއްގައި، އޭރުގެ ބޮޑުވަޒީރު މަހާތީރު ވަނީ އޭނާއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި އަންވަރު މަގާމުން ދުރުކޮށް، ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގައި 1998 ވަނައަހަރު އޭނާ ޖަލަށް ލައްވާފައެވެ.

އެއަށްފަހު އަންވަރުވަނީ 10 އަހަރު ޖަލުގައި ހޭދަ ކުރައްވާފައެވެ. އޭނާ ޖަލުން މިނިވަން ކޮށްފައިވަނީ 2018ވަނަ އަހަރުގެ އާންމު އިންތިޚާބުގައި، އޭރު މަހާތީރު އިސްވެ ހުންނަވާ ކުރެއްވި ކެމްޕޭންގައި އިދިކޮޅު ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ