ނ. ހޮޅުދޫގައި މަރުވެފައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން އަލަށް އާ ބާވަތެއްގެ އޮޓޮޕްސީއެއް ހަދައިފިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން އިންޑިއާއަށް ގޮސް ޒަކިއްޔާގެ ހަށިގަނޑުގެ ވާޗުއަލް އޮޓޮޕްސީއެއް ވަނީ ހަދާފައެވެ.
ވާޗުއަލް އޮޓޮޕްސީއަކީ މެޑިކަލް އިމޭޖިންގ ޓެކްނޮލޮޖީ މެދުވެރިކޮށް މަރުގެ ސަބަބު ދެނެގަތުމަށް ކުރާ ތަހުލީލެކެވެ. މިގޮތުން އެމްއާރުއައި އާއި ސީޓީ ސްކޭން އުނގަނޑުގެ އެތެރެއިން ހަށިގަނޑުގެ ތަފްސީލު މައުލޫމާތު ދެނެގަތުމަށް އެހީތެރިވެދެއެވެ.
ޒަކިއްޔާ ނިޔާވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު، އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގުދަނެއްގެ ތެރެއަށް ވެއްޓިފައެވެ. އެރަށު ކުނި މެނޭޖްކުރުމުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާ ފެނުނީ އެގޮތަށެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ހޮޅުދޫގައި ރައްޔިތުން މުޒާހަރާކޮށް، ތަހުގީގަށް ހިތްހަމަ ނުޖެހޭކަން ފާހަގަކޮށްފައިވެއެވެ. އެރަށުގެ ގިނަ ރައްޔިތުންނަށް ޒަކިއްޔާ އަކީ އަމިއްލައަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫންކަމަށާއި، މި މަރުގައި ދެވަނަ މީހެއްގެ އަތް އޮތްކަމަށް ޔަގީންކުރެވެއެވެ.
ފުލުހުން ކުރީގައި އޮޓޮޕްސީ ނުހަދާ ޒަކިއްޔާ ވަޅުލަން ނިންމީ، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ހަށިގަނޑު ދެއްކުމަށް ފަހު، އިތުރު ގެއްލުމެއް ފާހަގަ ނުކުރެވުމުންނެވެ.
މިހާރު ޒަކިއްޔާގެ އާއިލާ އާއި ހޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ފުލުހުން އިތުރަށް މި މައްސަލަ ތަހުގީގު ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.