ވަރަށް ގިނަ ހިންދީ ފިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ، ބެލުންތެރިންގެ މެދުގައި މަގުބޫލު އެކްޓަރު ވިކްރަމް ގޮކާލޭ މަރުވެއްޖެ ކަމާށް މީގެ ދެތިން ދުވަސް ކުރިން ވަނީ ޚަބަރު ފެތުރިފަ އެވެ.
މީޑިއާތަކުން ބުނީ 77 އަހަރުގެ އެކްޓަރު މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މެންދަމު މަރުވެފައި ވާކަމަށެވެ. ނަމަވެސް އޭނާގެ އާއިލާގެ ބައެއް މެމްބަރުން އޭނާގެ ހާލު ބަޔާންކޮށް އޭނާ މަރުނުވާކަން ވަނީ ކަށަވަރު ކޮށްދީފައެވެ. ހާލު ވަރަށް ބޮޑަށް ދެރަވެގެން ޕޫނޭ ދީނާނާތު މަންގޭޝްކަރް ހޮސްޕިޓަލުގައި 23 ވަނަ ދުވަހުގެ ވަގުތެއްގައި އެޑްމިޓްކޮށް އައިސީޔޫގައި އޭނާ އަދިވެސް އޮތީ ލައިފް ސަޕޯޓުގެ އެހީގައެވެ. އަދި އޭނާގެ ގިނަ ގުނަވަންތަކެއް ފެއިލްވެފައި ވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ވިކްރަމް އަކީ މަރާޓީ ތިއޭޓަރާއި އަދި ފިލްމުތަކުގައި މަސައްކަތްކުރި ޗަންދުރަކާންތު ގޮލާކޭގެ ދަރިއެކެވެ. މަރާޓީ އާއި ހިންދީ ފިލްމު އިންޑަސްޓްރީން އުފެއްދި ގިނަ ފިލްމުތަކުގައި ވިކްރަމް ބައިވެރިވެފައި ވެއެވެ. އޭނާ އަކީ 2013 ގެ މަރާޓީ ފިލްމު "އަނޫމަތީ" އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ ފެންނާނެކެވެ.
ވިކްރަމް ބޮލީވުޑަށް ތައާރަފްވީ 1971ގައި އަމީތާބު ބައްޗަން ބަތަލުގެ ބައި ކުޅުނު "ޕަރްވާނާ" އިންނެވެ. އޭރު އޭނާގެ އުމުރުން 27 އަހަރެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގައި އައިޝްވަރިޔާ ރާއީގެ ކެރެކްޓާ ނަންދިނީގެ ބައްޕަގެ ރޯލު ކުޅެފައިވަނީ ވިކްރަމް އެވެ. މި ނޫނަސް ގިނަ އަދަދެއްގެ ފިލްމުތަކުގައި ވިކްރަމް ބައްޕަ ބަޔާއި ނުބައިބައި ކުޅެފައި ވެއެވެ.
އޭނަގެ ކެރިއަރުގައި ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖޫންގައި ރިލީޒްކުރި ޝިލްޕާ ޝެޓީގެ "ނިކައްމާ" އިންނެވެ.
ކޮމެންޓު ފޮނުވާ