ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ ވާލްޑް ކަޕް ފުޓުބޯޅަ މުބާރާތް ރޭ ފެށިގެން ދިޔައީ މުޅި ރާއްޖެއަށްވެސް ފުޓުބޯޅައިގެ އީދެއް ގެނުވަމުންނެވެ. މިގޮތުން މި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި މެޗްތައް ބެލުމަށްޓަކާ ބޮޑު ސްކްރީންތައް ބެހެއްޓިގެން ދިޔައިރު، މާލޭ ސަރަހައްދުން މުބާރާތައް އެންމެ ބޮޑަށް ތައްޔާރު ވެފައިވަނީ ހުޅުމާލެ ކަމުގައި ދެންނެވިދާނެއެވެ.
މިގޮތުން އެޗްޑިސީންވަނީ ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބެހެއްޓުމުގެ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
އެކުންފުނިން ފޯރިގަދަކޮށް ހުޅުމާލެގައި ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ "ބޯޅަފޯރި"ގެ ނަމުގައެވެ. މި އިންތިޒާމްތަކުގެ ދަށުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް އެޗްޑީސީން ނިންމާފައިވާކަން އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ. އެޗްޑީސީން ނިންމާފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ސްކްރީން ބެހެއްޓުމަށެވެ.
އަދި ރޭ ފެށުނު ފީފާ ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކަށް ވަނީ ވަޑައިގެންފައެވެ.
މީގެ އިތުރުން، އާންމު އުސޫލުން ވާރލްޑް ކަޕް ބެލުމުގެ އިންތިޒާމްތައް ރާއްޖޭގެ އެކި ގިނަ ރަށްތަކުގައިވެސް ވަނީ ހަމަޖައްސާފައެވެ. މިގޮތުން ބައެއް ރަށްރަށުގައި ކައުންސިލްތަކުން އިންތިޒާމް ކޮށްގެން އަދި އަނެއްބައި ރަށްރަށުގައި އާންމުންގެ އެހީތެރިކަމާއެކު ވަނީ ބޮޑު ސްކްރީންތައް ބަހައްޓާ ހިލޭ މެޗްތައް ބެލުމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
މީގެ އިތުރުން އުރީދޫއިންވެސް ވަނީ މީޑިއާ ނެޓާއި ގުޅިގެން، ފޭން ޒޯންގެ ނަމުގައި ރާއްޖޭގެ ގިނަ ރަށްތަކުގައި ވާރލްޑްކަޕް މުބާރާތް ބެލޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން އިއްޔެވަނީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އަދި އެ ކުންފުނިންވަނީ އެމްއެންޑީއެފްގެ އެކި އިމާރާތްތަކުގައި ވާރލްޑްކަޕް ބެލުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ މުވައްސަސާއަށް ޓީވީތައްވެސް ހަދިޔާ ކޮށްފައެވެ.
ވޯލްޑް ކަޕް ބެލުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަސައްކަތްތަކެއް ފޯރިއާ އެކު ކުރަމުންދާއިރު، ޔޫތު މިނިސްޓްރީ އިން ދަނީ މެޗު ބެލުމަށް ބޭނުން ކުރާ ޕްރޮޖެކްޓަރުތައް ދޫކުރަމުންނެވެ. އެގޮތުން 100 ޕްރޮޖެކްޓަރު ދޫކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުންވެސް ދަނީ ވާރލްޑް ކަޕް ފޯރި އިތުރުކުރުމުގެ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ހަރަކާތްތަކެއް އިންތިޒާމްކޮށް ހިންގަމުންނެވެ. މިގޮތުން އެމްއެންޕީން ދަނީ ވާރލްޑްކަޕް ފޯރީގެ ނަމުގައި ކޮންމެ ދުވަހެއްގެ މެޗްތަކުގެ ސްކޯ ދިމާކުރާ ފަރާތްތަކަށް ޚާއްސަ އިނާމްތަކެއް ދެމުންނެވެ. އެޕާޓީންވަނީ ރޭ ކުޅެވުނު، މުބާރާތުގެ ފުރަތަމަ މެޗްގެ ސްކޯ ދިމާކުރި ފާރާތައް އިނާ ދީފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ މުބާރާތުގެ ފޯރި އިތުރުކޮށް، ގިނަ މީހުން އެއްތަނެއްގައި ތިބެ މުބާރާތް ބެލުމުގެ އިންތިޒާމް ހަޖައްސާ، ފޯރިއާއެކު ވާރލްޑް ކަޕް މުބާރާތަށް މަރުހަބާ ކިޔަމުންނެވެ.
މިއަހަރު ޤަޠަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެވަނީ ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ރޭ ރާއްޖޭ ގަޑިން 9 ޖެހިއިރު އޮތް އެ މެޗުގައި ބައްދަލު ކޮށްފައިވަނީ ގަތަރާއި އިކުއެޑޯ އެވެ. މި މެޗް 2-0 އިން ކާމިޔާބު ކޮށްފައިވަނީ އިކުއެޑޯއެވެ.
މިފަހަރުގެ ވާރލްޑް ކަޕް މުބާރާތަކީ އަރަބި އިސްލާމީ ގައުމެއްގައި ބޭއްވޭ ފުރަތަމަ ވާރލްޑް ކަޕެވެ. މިއަހަރުގެ ވާރލްޑަ ކަޕަށް ތައްޔާރު ވުމަށްޓަކާ 2011 ވަނަ އަހަރުން ފެށިގެން ގަތަރުންވަނީ ތައްޔާރުވާން ފަށާފައެވެ. އަދި މުބާރާތަށް 300 ބިލިއަން ޑޮލަރު ހޭދަ ކޮށްފައި ވެއެވެ.
މިއަހަރުގެ ވާރލް ކަޕްގައި 32 ޓީމަކުން 64 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތައް 1 މިލިއަން މީހުން އެގައުމަށް ޒިޔާރަތް ކުރާނެއެވެ. މިގޮތުން އެހެން ގައުމުތަކުން މި ސީޒަންގައި ޤަތަރަށް ޒިޔާރަތްކުރާ މީހުން އުފުލުމަށްޓަކައި މެދުއިރުމަތީގެ ބޮޑެތި ސިޓީތަކުން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ ފްލައިޓް ދަތުރުތަށް ޤަތަރަށް ކުރަމުންދާނެއެވެ.
މި މުބާރާތަށް ޤަތަރުން މުޅިން އާ 7 ސްޓޭޑިއަމެއް ބިނާ ކޮށްފައިވާއިރު، މުބާރާތް ކުޅޭ 8 ވަނަ ސްޓޭޑިއަމްއަކީ މަރާމާތު ކޮށްގެން ބޭނުންކުރާ ސްޓޭޑިއަމްއެކެވެ. މެޗްތައް ކުޅޭ ސަރަހައްދުގައި 29.8 ބިލިއަން ޑޮލަރު ޚަރަދު ކޮށްގެން ވަނީ ސަބްވޭ ސިސްޓަމެއް ބިނާ ކޮށްފައެވެ.