މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުއެވެ.
ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން އެދުވަހުގެ ހެނދުނު 10:00ގައެވެ. މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
ފަޚުރުވެރިކަމާއެކު، މިތާރީޚި މުނާސަބާ ކޮންމެ އަހަރަކުވެސް ދިވެހީން ފާހަގަ ކުރަނީ، އިނގރޭސިންގެ އަތްތަށުން އިބުރާހިމް ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް މިނިވަންކަންލިބުނު މިފަޚުރުވެރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
އިނގިރޭސީންގެ އަޅުވެތިކަމުގައި 77 އަހަރު ހޭދަ ކުރުމަށްފަހު، ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްކަމުގައި ކަނޑައެޅި، އަމިއްލައަށް ވެރިކަން ކުރުމުގެ ބާރާއި، ދިވެހިންގެ މުސްތަގުބަލް ކަޑައަޅާ ގޮތް ކިޔުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދިވެހީންނަށް ލިބިދިންތާ 59 އަހަރު ފުރި، 60 ވަނަ މުނާސަބާ މިއަދު ފާހަގަ ކުރަމުން ދާއިރު، ފާއިތުވީ ދިގުނޫން މާޒީގައި ކަނޑިބަޑީގެ ބާރުން އެއްވެސް ބަޔަކަށް މިރާއްޖޭގެ މިނިވަން ނިގުޅައިގަނެވިފައެއް ނުވެއެވެ.
އެހެންނަމަވެސް، ދިވެހިން ފާއިތު ކޮށްފައިވާ މިނިވަންކަމުގެ މި ބައި ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އެތައް ގޮތަކުން އެތައްބަޔަކު ތޮޅިފައިވެއެވެ. މި ރީތި، މިނިވަން ރާއްޖެ ހިފުމަށް ބޭރުގެ އެކި ބާރުތަކުން، ފަހުގެ އެކި ޒަމާންތަކުގައި މަސައްކަތް ކޮށްފައި ވެއެވެ. އަދި މިއިން ކޮންމެ ފަހަރަކުވެސް، ދިވެހީންގެ މިނިވަންކަމާ ބަޔަކު މީހުން ތޮޅިފައިވަނީ، ކޮންމެ ތޮޅުމެއްގެ ފަހަތުގައިވެސް ދިވެހީންގެ ބަޔަކު ތިބެގެންކަން ފާހަގަ ކޮށްލާން ޖެހެއެވެ.
މީގެތެެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލަން ޖެހެނީ، އަދި މި ޖީލުގެ ހަނދާނަތަކުން އަދިވެސް ފިލައިގެން ގޮސްފައިވާ ނުވާ ޢުދުވާނަކީ، 1988ވަނަ އަހަރު، ރައީސް މައުމޫނުގެ ވެރިކަމުގައި، ރާއްޖެއަށް އަމާޒުވެގެންދިޔަ ތަމަޅަޓައިގަރުންގެ އުދުވާނީ ހަމަލައެވެ. މިއުދުވާނީ ހަމަލާއަކީ، ރައީސް މައުމޫނުގެ ވެރިކަން ބަޢާވާތަކުން ފުރޮޅާލުމަށް ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން، ހަތިޔާރާއެކު މާލެއަށް އަރާ، 19 ދިވެހިން ޝަހީދު ކޮށްލުމަށްފަހު، ދިވެހި ދައުލަތާ ދެކޮޅަށް ގެންނަން މަސައްކަތް ކޮށްފައިވާ އުދުވާނީ ބަޢާވާތެކެވެ.
އެހެންނަމަވެސް، އޭރުވެސް ދިވެހިރާއްޖޭގެ އަސްކަރީ ގާބިލްކަމެއް ނެތެއްކަމަކު، އަދި މުޅި ދައުލަތަކުގެ ބަލިކަށިކަމާއި އެކީވެސް، ދުޝްމަނުންނަށް މީގެ 35 އަހަރުކުރިންވެސް ދިވެހިންގެ މިނިވަންކަން ނިގުޅައިގަނެވިފައެއް ނުވެއެވެ.
އިގިރޭސިންގެ އަތްދަށުން ދިވެހިންނަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު، މި ނޫން ތާރީޚެއްގައި، ހަތިޔާރުގެ ބޭނުން ކޮށްގެން، ދިވެހި ވެރިކަމާ ތޮޅި، ރާއްޖެ އަޅުވެތި ކުރުމަށް ބޭރުގެ އެއްވެސް ބާރަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.
ޒަމާން ބަދަލުވެއްޖެ! އެތެރެއާއި ބޭރުންވެސް ގައުމަށް އެތައް ގޮންޖެހުމެއް!
އަދުގެ ބަވަނަ ވެފައިވާ ދުނިޔޭގައި، މިއަދު ކަނޑިއާއި ބަޑި ހިފައިގެން މި ކުޑަކުޑަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ތޮޅެން ބޭރުގެ ބާރެއް ގައުމުގެ މައްޗަށް ވެރިވެގެންފައެއް ނުވެއެވެ.
އަދި ދިވެހިރާއްޖެ ހިމެނިގެން ގޮސްގައިވަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކާއި ޚިލާފަށް، މާޒީވެދިޔަ ތަނުގައި ދިވެހިންގެ މައްޗަށް ބޭރުގެ ބާރަކަށް އަތްގަދަ ކުރެވިފައި ނުވާފަދައިން، ދިވެހިންގެ ދީނަށްވެސް ބުރުލެއް އަރުވާ ލެވިފައި ނުވާ، އެއްބަހަކުން ވާހަކަ ދައްކާ، އެއް ނަސްލެއްގެވެރި، އެއް ގައުމެއްގެ ގޮތުގައެވެ. މިއި މިއަދު ދިވެހީންނަށް ލިބިފައިވާ މިނިވަންކަމުގެ ހަގީގީ ބިންގާ ކަމުގައިވެސް ގަބޫލުކުރަން ޖެހެއެވެ.
އެހެންނަމަވެސް މި ފަޚުރުވެރި ތާރީޚު މިގޮތުގައި ބައިގަރުނު ފާއިތު ކޮށްފައި ވިނަމަވެސް، މިއަދު ގަބޫލު ކުރަންޖެހިފައިވާ އެއް ހަގީގަތަކީ، ކަނޑިއާއި ބަޑިން ދިވެހިންގެ މިނިވަންކަމާއި ތޮޅޭން ބަޔަކު ގައުމުގެ މައްޗަށް ވެރިވެގެންފައި ނުވިނަމަވެސް، ގައުމުގެ މިނިވަންކަމަށް ބުރޫ އަރައިގެން ހިގައިދާނޭފަދަ އެތައް ނުފޫޒެއް ދިވެހީންގެ މައްޗަށް ވެރިވެފައި ވަކަމެވެ.
އަމިއްލަ ފަސްގަޑުގައި އެއްބައިންވަންތަކަމެއް ނެތްކަމެވެ. އިޖުތިމާއީ މަސްލަހަތެއް ނެތްތާގައި، ފާއިތުވެދިޔަ އައްސަތޭކައެއްހާ އަހަރު ދުވަހުގެ ތެރޭގައި ދިވެހީން އެއްބައިވަންތަ ކުރުވި، ދީނީ އެއްބައިވަންތަކަންވެސް މުޖުތަމަޢުގެ ތެރެއިން މިއަދު މިވަނީ ނެތި ގެއްލިގެން ގޮސްފައެވެ. މުޅި ގައުމު މިވަނީ ފިތުނަވެރި ވެފައެވެ. އާއިލީ އެއްބައިވަންތަކަމާއި، ކުލުނާއި ލޯބި މިވަނީ ނެތިގެން ގޮސްފައެވެ.
ހަމަ އެފަދައިން ދީނީގޮތުންނާއި ސަގާފީގޮތުންވެސް ނުހަނު ރިވެތި އާދަތަކެއްގެ މަތީގައި ދެމިތިބި ދިވެހީންގެ މެދަށް މިއަދު މިވަނީ ނުބައިކަންބޮޑު ފާހިޝް އެތައް ބަލިމަޑުކަމެއް ވެރިވެފައެވެ. ލާދީނިއްޔަތު ގައުމުގައި ފެތުރި، ދިވެހިންގެ ގައުމިއްޔަތުގެ ބިންގާ ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނަށް މިފަސްގަޑުގައި މިއަދު މިވަނީ އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ.
ދިވެހިންގެ ދީނީ އަގީދާއާއި، ސަގާފަތާއި ބީރައްޓެހި އެތައް ކަމެއް މުޖުތަމަޢުގައި ފެތުރި، އޭގެ މޫތައް މިވަނީ ދައުލަތުގެ މުވައްސަސާތަކުގެ ތެރެއަށް ފެތުރިގެންފައެވެ. ރައްޔިތުންގެ މަޖިލީހުން ފެށިގެން ވެރިކަން ކުރުމުގެ ބާރާއި ޝަރުއީ ނިޒާމުގެ ތެރެއަށް މިފަރާތްތަކުގެ ނުފޫޒު މިވަނީ ވަރަށްވެ މަތީ ދަރަޖައަކަށް ފޯރާފައެވެ. ނުރަގަޅު އާދަތަކާއި، ދިވެހި ސަގާފަތާއި ގުޅުން ނެތް އެތައް ސިފައެއް ސިޔާސީ ބައެއް ވެރިން މިވަނީ ދިވެހު މުޖުތަމަޢުގައި ޒީނަތްތެރި ކޮށްފައެވެ. އެތައް ދިވެހިންނެއް މިވަނީ އެއީ އާދަތައް ކަމުގައި ހިތާއި ރޫޙުން ބަލައިގެންފައެވެ.
ނަތީޖާއެއްގެ ގޮތުން، މިނިވަންކަމާއި އިޖުތިމާޢީ އަދާތަލާއި ހަމަހަމަކަމުގެ ނަމުގައި މިފަރާތްތަކުން މިވަނީ، ގާނޫނުތައް ބަދަލު ކޮށްގެން ނަމަވެސް، ދިވެހީންގެ މިނިވަންކަމުގެ ބިންގާ ފުނޑުފުނޑު ކޮށްލުމުގެ މަސައްކަތުގައި ދޫނުދީ ދެމިތިބުމަށް އަޒުމު ކަނޑައަޅާފައެވެ.
އެހެންކަމުން މިހާލަތުގައި، މި ލޮބުވެތި ވަތަނުގެ މިނިވަންކަމުގެ ދިފާއުގައި އަމަލާއި ބަހުން، ދުލާއި ގަލަމުން އަދި އެނޫން ގޮތަކުން ނަމަވެސް ވާންޖެހުން ކޮންމެ ގުރުބާނީއެއް ވުމަށް ކަމަރު ބަނުމަކީ މިއަދު ހަމަ ކޮންމެ ރައްޔިތެއްގެވެސް މައްޗަށް އޮތް ގައުމީ އަދި ދީނީ ވާޖިބެއް ކަމީ ކަށަވަރުވެ ޔަގީވާން އޮތް ކަމެކެވެ.
ގައުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކާ، ސިޔާސީ ހަމަނުޖެހުން!
އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކޮންމެ ގައުމެއްވެސް އަމިއްލަ ފައިމައްޗަށް ތެދުވެވެން އޮންނާނީ އެގައުމެއް އިގްތިސާދީގޮތުން މިނިވަން ވެވިގެންނެވެ. އެހެންގައުމުތަކުގެ މާލީ އެހީތެރިކަމަށް ބަރޯސާނުވެ، މުސްތަގުބަލް ބިނާކުރަން ފުރުސަތު ލިބިގެންނެވެ. އަސްކަރީ ގޮތުންވެސް ގައުމަކަށް ހަގީގީ ބާރުވެރިކަމެއް ލިބިގެންދާނީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގައުމު ވަރުގަދަވެ، ފުދުންތެރިވީ ނިސްބަތަކުން ކަމަަށް ވާތީއެވެ.
އަދި އެ ހަގީގަތް ދުރާއި ގާތުން ފެންނާންވެސް އެބަހުއްޓެވެ. ޚަރަދުތައް ދެކޮޅު ނުޖެހި، ބޭރު ގައުމުތަކުންނާއި މާލީ އިދާރާތަކުން ބޮޑެތި ލޯނުތައް ނަގަން ޖެހުމަކީ އަދު ގެ ދުނިޔޭގައި ގައުމަތަކަށް ކުރިމަތިލާންޖެހިފައިވާ މާލީ އަޅުވެރިކަމުގެ އަސްލެވެ. އެންމެ ފުރިހަމަ ދިރިހުރި މިސާލަކަށް ފެންނާން އޮތީ އަވައްޓެރި ސްރީ ލަންކާއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެގައުމުގެ އިގްތިސާދު އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާ، ހަމައެކަނި ސިޔާސީ މަންފާއަށް ވެރިކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސްރީ ލަންކާ ދަރަނިވެރިވެ، ގައުމަށް ލިބޭ އާންދަނީއަށްވުރެ ގައުމުން ބޭރުވާ ފައިސާ އިންތިހާއަށް މައްޗަށް ގޮސް، ރައްކާ ކުރެވިފައިވާ ރިޒާވް އިންތިހާއަށް ދަށްވެގެން ދިއުމެވެ.
އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، އެންމެ ފަހުން، 1948 ވަނަ އަހަރު ގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވީ އެންމެ އެންމެ ބޮޑު އިގްތިސާދީ ކާރިސާ އާއި އެގައުމު ކުރިމަތިލާންޖެހި، އެކާރިސާ ސިޔާސީ ބޮޑު އިންގިލާބަކަށް ބަދަލުވެގެން ދިއުމެވެ. އެގައުމަށް ކުރިމަތިވި އިގްތިސާދީ ފުން ވަޅުގަޑުން އަރައި ނުގަނެވި، ރައްޔިތުން، ކާރިސާ ސިޔާސީ ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެ، ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ މުހިންމު އިދާރާތައްވެސް އެންމެ ފަހުން ރައްޔިތުން ހިސާރު ކުރިއެވެ. އެންމެފަހުން ސަރުކާރުގެ ކެބިނެޓާއި ބޮޑުވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެ، ގައުމުގެ ރައީސަށް ޖެހިވަޑައިގަތީ ގައުމު ދޫކޮށް ފިއްލަވާށެވެ.
މިފަދަ ގިނަ ކާރިސާތައް ނިމިގެންދަނީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމުގެ ނަމުގައި، ބޭރުގެ ކޮންމެވެސް ބާރެއް ގައުމަށް ވެރިވެގަނެ ގައުމުތައް އަޅުވެތި ވެގެންނެވެ.
މިއީ މިއަދު ދިވެހިރާއްޖެ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފުންކޮށް ވިސްނާން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ގައުމުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %80 އަށްވުރެ މަތިވެގެން ދިއުމެވެ. ގައުމުގެ ރިޒާވް އިންތިހާއަށް ދަށްވެ އުފެއްދުންތެރިކަން އިތުރު ވަމުން ނުދިއުމެވެ. އިމްޕޯޓަށް އިންތިހާއަށް ބަރޯސާވާން މަޖުބޫރު ވުމެވެ. ފަތުރުވެރިކަންފަދަ ޟައީފް ސިނާއަތަކަށް މުޅި އިގްތިސާދު ބަރޯސާކުރަން މަޖުބުރު ވެފައި އޮތުވެ.
ބޭރުގައުމުގެ ލޯނުތައް އިންތިހާއަށް މަތިވެ، އެލޯނުތައް ދެއްކުން އެއީ ބޮޑު ބޮލުގެ ރިހުމަކަށް ވެގެން ދިއުމެވެ. ގައުމުގެ އެތެރޭގެ ޚަރަދުތައް ކޮޅުންލާ، ރިކަރަންޓް ޚަރަދު އިންތިހާއަށް މަތިވެގެން ދިއުމެވެ. ބަޖެޓް ޑެފިސިޓް ދެކޮޅު ޖެއްސޭނެ ހަމައެއް ފެންނާން ނެތުމެވެ.
އެއާއު އެކު އުފެދޭ ސިޔާސީ ހަމަނުޖެހުންތަކާއި، އޭގެ ގިލަންވެރިކަން ވެގެންދަނީ، ބޭރުގެ ބާރުތަކަށް މިގައުމުގެ ސިޔާދަތުގެ މައްޗަށް ވެރިވެގަތުމަށް ލިބިގެންދާ ނުހަނު ތަނަވަސް ފުރުސަތަކަށެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި މިއީ މިއަދު މިނިވަންކަމުގެ އުފާ ފާޅު ކުރަމުންދާއިރު، ވިސްނާންޖެހިފައިވާ އެންމެ ބޮޑު ގައުމީ މައްސަލައެވެ.