ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު އިތުރުކުރުމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ތިމަރަފުށްޓަށް ވަޑައިގެންފިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި ޝަރީފް ތިމަރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ތިމަރަފުށީގެ ބައެއް ޖަމުއިއްޔާ ޖަމާޢަތްތާއި ބައެއް ޢާންމުންނާ ބައްދަލުކުރައްވައި އެފަރާތްތަކަށް ދިމާވެފައިވާ އެކިއެކި ކަންކަން އޮޅުންފިލުއްވިކަމަށް ޚަބަރު ލިބެއެވެ. އަދި ސަރުކާރުގެ ތެރެއިން ނުވަތަ އެމްޑީޕީގެ ތެރެއިން އެކަންކަން ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޝަރީފްވަނީ އެފަރާތްތަކަށް ވިދާޅުވެފައިކަމަށް މަޢުލޫމާތު ލިބެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސްކަންވެސް ކުރެއްވި އަހުމަދު ޝަރީފު ވެރިކަންކުރާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ސޮއިކުރައްވީ މިމަހުގެ 13ވަނަ ދުވަހުއެވެ.
ކުރިން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ޝަރީފް، ސިޔާސީ ދާއިރާއިން ފެންނަންފެށީ، ކުރީގެ ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)އިންނެވެ. އޭގެފަހުން ރައީސް ޔާމީން ޕީއޭ އުވާލެއްވުމަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގަތުމުން ޔާމީނާއެކު ޝަރީފް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމްގެ އިންތިޚާބީ ފުރަތަމަ މަޖިލިސް މެމްބަރަށް ވެވަޑައިގެން "ރަންގޮނޑި ޝަރީފް"ގެ ނަމުން ޝަރީފް އަމިއްލައަށް އޭނާއަށް ކިޔަން ފެށިއެވެ. އެއީ އޭރުގެ ވާދަވެރި ސިޔާސީ މަސްރަޙުގައި ހުސްވި މަޖިލިސް ގޮނޑިއެއްގެ ބައިއިލެކްޝަންގައި ވާހަކުރައްވައި ކާމިޔާބު ވުމުންނެވެ.
ޕީޕީއެމްއަށް 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްވެސް ޝަރީފް ކެމްޕެއިން ކުރެއްވިއެވެ. އޭގެފަހުން ޕީޕީއެމްގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަށް އޭރުގެ ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ޝަރީފް ޢައްޔަންކުރިއެވެ.
އެހެންނަމަވެސް ދެންއައި ރިޔާސީ އިންތިޚާބުގައި ޝަރީފް، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވައިގެން، މަކަރު ހައްދަވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުވާގޮތަށް ކަންކަން ރޭވިކަމުގެ ތުހުމަތު ޕީޕީއެމްއިން ކުރެއެވެ. އަދި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ އަތުން ޝަރީފް ރިޝްވަރު ނެންގެވިކަމަށްވެސް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަފަހު ޝަރީފްވަނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބުކޮށްދެއްވާނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ވަކިވެ، ސަރުކާރުގެ މިސަރުކާރުގެ ސިޔާސީ މަޤާމަކާ ޙަވާލުވެފައެވެ. އެއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމެވެ.