އަދި އެމްޑީޕީހަރުގެ ވެސް ހުޅުވާނެކަމަށާ، ކަންމަތީ ޖަލްސާވެސް ބާއްވާނެކަމަށާ، ބޮޑުޖަލްސާވެސް ބާއްވާނެކަމަށް ދާދިފަހުން އެޕާޓީ އަލުން ގުޅުނު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި އަދި ކުރިން އެމްޑީޕީގެ އިސް ޙަރަކާތްތެރިއެއްގެ ގޮތުގައި އުޅުނު ރީކޯ މޫސާމަނިކު އަލުން އެމްޑީޕީއާ ގުޅުމަށްފަހު އަންނަނީ ސަރުކާރު ދިފާޢުކޮށް ވާހަކަދައްކަވަމުންނެވެ. އެގޮތުން މިވެރިކަމުގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް މާލޭގައި ނުބާއްވާތީއާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި އިސްލިޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެބޭފުޅޫންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކު ޕާޓީ ދެބައިވެ ބައެއް ސިޔާސީ ޙަރަކާތް ހުއްޓިފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މޫސަ ވަނީ ރައްދުދެއްވާފައެވެ.
މޫސަ ވިދާޅުވީ އިންތިޚާބަކަށް ކުރިމަތިލީމަ ޕާޓީގަ ހިންގަނޖެހޭ ހުރިހާކަމެއް އަދިވެސް ކުރާނެކަމަށެވެ. އެކަމަކީ ވަކިމީހަކުނެތިގެން ވަކިމީހަކުހުރެގެން ކުރާކަމެއްނޫން ކަމަށާ، އެއީ ވަކިމީހަކަށް ކޮށްދޭންޖެހޭކަމެއްވެސްނޫންކަމަށެވެ.
MDP ހަރުގެ ވެސް ހުޅުވާނެ ކަންމަތީ ޖަލްސާވެސް ބާއްވާނެ ބޮޑުޖަލްސާވެސް ބާއްވާނެ،
އިންތިޚާބަކަށް ކުރިމަތިލީމަ ޕާޓީގަ ހިންގަނޖެހޭ ހުރިހާކަމެއް MDP އަދިވެސް ކުރާނެ، އެކަމަކީ ވަކިމީހަކުނެތިގެން ވަކިމީހަކުހުރެގެން ކުރާކަމެއްނޫން އެއީ ވަކިމީހަކަށްކޮށްދޭނޖެހޭކަމެއްވެސްނޫން— Moosa Maniku (Reeko) (@ReekoMoosa) November 19, 2022
އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ ރީކޯ މޫސަ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ މިމަހުގެ 8ވަނަ ދުވަހުއެވެ.
މޫސަ އެމްޑީޕީއަށް ސޮއިކޮށްފައިވަނީ އެޕާޓީގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބަހުސް ބޮޑެވެ، ރައީސް ޞާލިހަށް ތާއީދު ނުކުރާނެކަން މިއަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މޫސައަކީ އެމްޑީޕީ ގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު ރައީސް ނަޝީދާއި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި ޕާޓީން ވަކިކުރި މެމްބަރެކެވެ.
ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ 22 ޑިސެމްބަރު 2014 ގައެވެ. އޭރު އެމްޑީޕީން މޫސަ ވަކިކުރީ އަޚްލާޤީ މައްސަލައެއްގައެވެ. އެނިންމުމަކީ ރައީސް ނަޝީދުގެ ނުފޫޒުން ނިންމެވި ނިންމެވުމެއްކަމަށް މޫސައަށް ތާޢީދުކުރާ ބައެއްމީހުން އޭރުވެސް މިހާރުވެސް ބުނެއެވެ.
ކޮމެންޓު ފޮނުވާ