ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައި ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތް ފެށެން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، މި މިމުބާރާތުގެ މެޗްތައް ކުޅޭ ސްޓޭޑިއަމްތަކުގައި ރާވިއްކުމުގެ ހުއްދާ ނޯންނާނެކަން ފީފާއިން އިއުލާން ކޮށްފިއެވެ.
ފީފާއިން ހުކުރުދުވަހު މި ނިންމުން އިއުލާން ކޮށްފައިވަނީ، މުބާރާތުގެ މައިގަޑު އެއް ސްޕޮންސަރ ކަމުގައިވާ ބުޑްވެއިސަރއަށް މެޗްތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ވަށައިގެން 8 ލޮކޭޝަނެއްގައި ބިޔަރު ވިއްކުމުގެ ހުއްދަ ދޭގޮތަށް ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލު ގަނައުމާއެކުއެވެ. ބުޑްވެއިސަރއަށް މި ލޮކޭޝަންތަކުގައި ބިޔަރު ވިއްކުމުގެ ހުއްދަ ދޭގޮތަށް ކުރިން ނިންމާފައިވަނީ މެޗްތައް ފެށުމުގެ 3 ގަޑިއިރު ކުރިންނާއި އަދި މެޗް ނިމުމަށްފަހު އެއްގަޑިއިރަށެވެ.
ޤަތަރުގެ ސަރުކާރުން މި ގެނައި ބަދަލުތަކާއެކު މި ސަރަހައްދުތަކުގައި ވިއްކުމުގެ ހުއްދަ މިހާރު އޮންނާނީ ރާ (އަލްކަހޯލް) ނުހިމެނޭ ބިޔަރެވެ.
އެހެންނަމަވެސް، އަލްކަހޯލްގެ ބުއިންތައް ކަމުގައިވާ ޗެމްޕޭންއާއި ވިސްކީފަދަ ބުއިންތައް، ބޭރުން އަންނަ ފަރާތްތަކަށް ޚާއްސަ ކޮށްގެން ޚިދުމަތްދޭ އެހެން އޭރިއާތަކުގައި ވިއްކުމުގެ ހުއްދަ ޤަތަރުގެ ސަރުކާރުން ވަނީ ދީފައެވެ. އޭގެ އިތުރުން ސެންޓްރަލް ދޯހާގައި ހުންނަ ފީފާ ފޭން ފެސްޓިވަލް ގައިވެސް ބިޔަރު ލިބެން ހުންނަ ގޮތަށްވަނީ ހަމަޖައްސާފައެވެ.
އަރަބި ގައުމެއްގައި ބޭއްވޭ ފުރަތަމަ ވާލްޑްކަޕް ފެށުމަށް ހަމެޖިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. މުބާރާތް ފަށާ މެޗްގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ޤަތަރާއި އީކުއަޑޯރއެވެ.
Statement on beer sales at #WorldCup stadiums 🏟️ on behalf of FIFA and Host Country 🇶🇦: pic.twitter.com/o4IEhboXks
— FIFA Media (@fifamedia) November 18, 2022
ދުނިޔޭގެ ފުޓުބޯޅައިގެ ޖަމިއްޔާ ފީފާގެ ތަރުޖަމާން ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވަނީ މި ނިންމުން ނިންމާފައިވަނީ ޤަތަރުގެ އޮތޯރިޓީތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.