"ވުނަދާނަ ފެސްޓިވަލް 2022"ގެ ތެރެއިން - ފޮޓޯ: ބީސީސީ

ކުދި ވިޔަފާރިތަކުގެ އަތުގައި ހިފައިގެން ބީސީސީ މެކުހަށް!

ކުދި ވިޔަފާރިތަކުގެ އަތުގައި ހިފައިގެން ބީސީސީ މެކުހަށް!

2019ވަނަ އަހަރުން ފެށިގެން މިހާތަނަށް އަހަރަކު 1300އަށްވުރެ ގިނަ ވިޔަފާރިތަކަށް ފަންނީ ލަފަޔާއި ތަމްރީން ދީފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ހާމަކޮށްފިއެވެ.

ބީސީސީން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް އެ ކުންފުނިން ފަންނީ ލަފަޔާއި ތަމްރީން ދިން ވިޔަފާރިތަކުގެ އަދަދު 5500އަށް ވުރެ ގިނައެވެ. މީ އެވްރެޖުކޮށް ބަލާނަމަ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް 114އަށްވުރެ ގިނަ ފަންނީ ލަފަޔާއި ތަމްރީނެވެ.

2019 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި ބީސީސީއަކީ، މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަރިފާރިތަކަށް މާކެޓް އެކްސެސް ހޯދަދީ އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ހޭލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށްޓަކައި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ބީސީސީން ވަނީ ބުދަ ދުވަހު ބޭއްވި "ވުނަދާނަ ފެސްޓިވަލް 2022″ގައި ހާމަކޮށްފައެވެ. ބީސީސީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ފަންނީ ލަފަޔާއި ތަމްރީން ދިން ވިޔަފާރީގެ އިތުރުން 197 ސްކޫލް ދަރިވަރަކަށް މާލީ ހޭލުންތެރިކަމާއި ބީސީސީގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ. އަދި 3238 އަންހެނުންނަށާއި 3504 ޒުވާނުންނަށްވެސް ވަނީ ފަންނީ ލަފަޔާއި ތަމްރީން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ކޮސޭރާ ލަރނިންގ ޕްލެޓްފޯމް މެދުވެރިކޮށް 581 ފަރާތަކުން 1543 ކުރުމުއްދަތުގެ ކޯސްތައް ފުރިހަމަކޮށްފައިވެއެވެ.

"ވުނަދާނަ ފެސްޓިވަލް 2022″ގެ ތެރެއިން – ފޮޓޯ: ބީސީސީ

ބީސީސީގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 13 ބިޒްނަސް ސެންޓަރު ވަނީ ޤާއިމް ކޮށްފައެވެ. އަދި ދިވެހި އުފެއްދުންތައް މާކެޓުކޮށް ޕްރޮމޯޓުކުރުމަށް ޚާއްސަ މަރުކާއެއްގެ ގޮތުގައި އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ދިވެހި އުފެއްދުންތަކަށް ޚާއްޞަ ފިހާރަތަކެއް ވަނީ ހުޅުވާފައެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ހުޅުވާ، ފުރަތަމަ ޝޮޕިންގ މޯލް،"އެސްއެމްއީ ހަބް" ވަރަށް އަވަހަށް ހުޅުވާނެކަމަށް ބީސީސީން މަޢުލޫމާތުދެއެވެ. އަދި ބީސީސީން ވަނީ ކުދި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މަސައްކަތްކުރާނެ އޮފީސް މާހައުލެއް، ނުވަތަ ކޯވަރކިންގ ސްޕޭސްއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ. ސީޑް ބައި ބީސީސީގެ ނަމުގައި ހުޅުވާފައިވާ މި ކޯވަރކް ސްޕޭސްއިން މަހެއްގެ މައްޗަށް އެވްރެޖުކޮށް 100 ގަޑިއިރު ވަކި ފަރުދުންނާއި ވިޔަފާރިތަކުން ޚިދުމަތް ހޯދައެވެ.

މީގެ އިތުރުން މާލީ، އިޤްތިސާދީ އަދި ވިޔަފާރީގެ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމަށްޓަކައި، މޯލްޑިވްސް ބިޒްނަސް ނެޓްވަރކުގެ ނަމުގައި މީޑިއާ މަންސައެއްގެ ޚިދުމަތްވެސް ބީސީސީން ދަނީ ފޯރުކޮށްދެމުންނެވެ. މި މަންސަ މެދުވެރިކޮށް ވިޔަފާރިއާއި އިޤްތިޞާދު އަދި ކުދި ވިޔަފާރިތައް އިޝްތިހާރުކުރުމަށް 800އަށްވުރެ ގިނަ ކޮންޓެންޓް ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާތަނަށް ގެނެސްދީފައިވާކަމަށް ބީސީސީން ހާމަކުރެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ބީސީސީން މިހާރުވެސް އިތުރު 10 ޚިދުމަތެއް ތަޢާރަފްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފިނިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި:

  • ބޮޑު ބަދިގެ – ކޯ ޝެއަރޑް ކިޗަން
  • ގާމެންޓް ފެސިލިޓީ ( އައްޑޫ ސިޓީ )
  • އެސްއެމްއީ ރޭޓިންގ ސިސްޓަމް
  • ޕެކޭޖިންގ ފެސިލިޓީ ( އައްޑޫ ސިޓީ، މާލެ ސިޓީ )
  • އަލްޓަނޭޓިވް މެޑިސިންގ ސެންޓަރ ( ލ.ގަން )
  • ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ
  • ޓްރެއިނިންގ އިންސްޓިޓިއުޓް
  • އެސްއެމްއީ ޕާކް
  • ފާމާސް މާކެޓް ( އއ.ތޮއްޑޫ )
  • މޭކާސް ސްޕޭސަސް ( ތަފާތު އިންޑަސްޓްރީޒްތަކަށް )

މި ޚިދުމަތްތަކާއެކު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް އިންގިލާބެއް ގެނައުމަކީ ބީސީސީގެ އަމާޒުކަމަށްވާއިރު މިފަދަ ކޮންމެ ޚިދުމަތެއްވެސް ކުރިއަށް ގެންދަނީ ވިޔަފާރިތަކަށް ގިނަ ފުރުޞަތުތަކެއް ލިބޭގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.