އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ފައިނަލް ބުރު ކަށަވަރު ކުރުމަށް ވޯޓު ދިނުމުމުގެ ވަގުތު ވަނީ ކުޑަތަން ވެފައެވެ.
މިއަދު މެންދުރު 1 ޖެހުމާއި ހަމައަށް ވަގުތު ހަމަވާއިރު، މިހާތަނަށްވެސް ދިވެހިން ވަނީ އަޝްފާޤު ފައިނަލަށް ގެންދިއުމަށް ގިނަ އަދަދަށް ވޯޓް ދީފައެވެ. އަޝްފާޤަކީ ޤައުމީ ޚިދުމަތުގައި ދިވެހިން ފަޚުރުވެރި ކޮށްދީފައިވާ ޤައުމީ ބަތަލަކަށްވާއިރު، މިއަދު އަޝްފާޤަށް ދެވޭ ކޮންމެ ވޯޓަކީ ޤައުމަށް ދެވޭ ވޯޓަކަށް ނޫނީ ނުވާނެއެވެ.
މިހާރުގެ ނަތީޖާ ދައްކާގޮތުން އަޝްފާގަށް ލިބިފައިވަނީ 53.98 އިންސައްތަ ވޯޓެވެ. އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ އަށް ލިބިފައިވަނީ 46.02 އިންސައްތަ ވޯޓެވެ.
ސެމީ ފައިނަލް ގައި އަޝްފާޤާއި ވާދަކުރަނީ އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ކުޅުންތެރިޔަކާއިއެވެ. ވޯޓުހޯދުމަށް ވިއެޓްނާމުގައިވެސް އިއްޔެ އިން ފެށިގެންދަނީ ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. ދިވެހިންގެ ފަހުރުވެރި ޤާއުމި ކުޅިވަރު، އަދި ފަހުގެ ތާރީހުގައި ދިވެހިންގެ އުންމީދުތަށް ފުޓުބޯޅާގައި ހަސިލް ކޮށްދިން ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤާއިއެކު ދިވެހިންނަށް ފައިނަލަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ރާއްޖޭގެ އާބާދީ ކިތަންމެ މަދު ކަމުގައި ވީނަމަވެސް އަޝްފާޤާއިއެކު ސެމީއަށް ދިވެހިން ދަތުރުކުރީވެސް ހަމަ ދިވެހި ރައްޔިތުންގެ ވޯޓުންނެވެ.
"އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ވަނީ ހޯދާފައެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. އިއްޔެ މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.