އަދި ޓެކްސް ބިލް ތަސްދީޤު ނުކުރޭ، މިހާރުވެސް އަގުތައް އުފުލިއްޖެ!

އަދި ޓެކްސް ބިލް ތަސްދީޤު ނުކުރޭ، މިހާރުވެސް އަގުތައް އުފުލިއްޖެ!

Author
ޢަލީ އާދަމް
17 ނޮވެމްބަރ 2022 10:06
0

އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެކްސް ބިލް އަދި ތަސްދީޤު ނުކުރާއިރު، މިހާރުވެސް މުދަލާއި ޚިދުމަތުގެ އަގު އުފުލިއްޖެކަން ފާހަގަކޮށް ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްކަމަށްބުނެ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅުއްވާފައިވާ، ޓެކްސް ބިލް ސަރުކާރުން ހުށަހެޅުއްވިގޮތަށް ފާސްކުރީ އިއްޔެއެވެ. މިއާއެކު އިޤްތިޞާދީ ދަތިކަމާއެކުވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުވެގެން ދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، މިހާތަަށް %6ގައި ހުރި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) %8އަށް ބޮޑު ވާނެއެވެ. އަދި މިހާތަނަށް %12ގައި ހުރި ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) %16އަށް ބޮޑުވާނެއެވެ. މިއާއެކު މުދަލާއި ޚިދުމަތުގެ އަގު މައްޗަށްދާނެކަމަށް ސަރުކާރުން އަންދާޒާ ކުރައްވާ މިންވަރަށްވުރެ މާބޮޑަށް އަގުތައް މައްޗަށް ދާނެކަމަށް އިޤްތިޞާދާއި ރާއްޖޭގެ އިންފްލޭޝަން ދިރާސާކުރައްވާ ފަރާތްތަކުން ލަފާކުރައްވައެވެ.

މިހާރުވެސް ބައެއް ވިޔަފާރިތަކުން އަގުތައްވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެންމެ ޢާންމުކޮށް މީހުން ވިޔަފާރިކޮށް އުޅޭ ބޭކަރީތަކުންވަނީ ބައެއް ބާވަތްތަކުގެ އަގު ވަރަށް ބޮޑުކޮށްފައެވެ. ކަންމަތީ ފިހާރަތަކުގެ އަގުރައްވެސް ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވަނީ މިކަން ފާހަގަކުރެއްވުނުކަން ހާމަކުރައްވާފައެވެ.

މިހާރު ރާއްޖެއާއި މުޅި ދުނިޔެވެސް މިއޮތީ އިޤްތިޞާދީ ކާރިސާއެއްގެތެރޭގައޭ ދެންނެވި ދާނެއެވެ. ކޯވިޑުގައި ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން އުޅެނިކޮށް ދުނިޔޭގެ އިޤްތިޞާދީ ދެބާރެއްގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ފެށި އޭގެ ނޭދެވޭ އަސަރު އަންނަނީ މުޅި ދުނިޔެއަށް ކުރަމުންނެވެ. މުޅި ދުނިޔޭގެ އިޤްތިޞާދުގައި މައިގަނޑު މުހިންމު ރޯލެއް އަދާކުރާ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތު އޮތީ ދަށުގައެވެ. މި ޙާލަތުގައި ރާއްޖޭގައި ޓެކްސް ބޮޑުކުރުމާ ދެކޮޅު ހައްދާ ގިނަ ބޭފުޅޫން ކަންބޮޑުވާކަމަކީވެސް މިއެވެ. އަންދާޒާތަކާ ނުބައްދަލު މިންވަރަކަށް މުދަލާ ޚިދުމަތުގެ އަގު މައްޗަށް ދިއުމުގެ ނުރައްކާ އޮތުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.