ރައްޔިތުން އިތުރަށް "ނުފެލައި" ބޭކާރު ޚަރަދުތައް ހުއްޓާލައި ޚަރަދު ކުޑަކުރުމަށް ޑރ.މުނައްވަރު ސަރުކާރަށް ގޮވާލައިފިއެވެ.
ޑރ.މުނައްވަރަކީ ރާއްޖޭގެ ސީނިއަރ ޤާނޫނީ ވާކީލެކެވެ. ބަންޑާރަނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ އިސްސަފުގައި ކުރިން މަސައްކަތް ކުރެއްވުމަށްފަހު އޭރު އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ކަންކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ޕާޓީއާ ދުރަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޑރ.މުނައްވަރު އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވިއެވެ. އޭނާ އެމްޑީޕީގެ ރައީސްކަމަށް އިންތިޚާބުވީ، 2007 ވަނަ އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ. އެހެންނަމަވެސް، 2008ވަނަ އަހަރުގެ އެޕްރީލްމަހުގެ 25 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ.މުނައްވަރާ ވާދަކުރައްވައި، ނަޝީދު ކުރި ހޯއްދެވުމާއެކު، އުފެދުނު ނުތަނަވަސްކަމުގައި ޑރ.މުވައްވަރު ޕާޓީން ވަކިވިއެވެ. އެފަހަރު މުނައްވަރަށް ތާޢީދުކުރާ ގިނަބަޔަކު ބުނެފައިވަނީ ނަޝީދާއި އޭނާގެ ބައިވެރިން ވޯޓު އޮޅުވާލާފައި ވާކަމަށާއި، ޕްރައިމަރީގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކޮށްފައެވެ. 2008 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13 ވަނަ ދުވަހު ޑރ.މުނައްވަރު ވަނީ މަޤާމުން އިސްތިއުފާ ދެއްވައި ޕާޓީންވެސް ވަކިވެވަޑައިގެންނެވިއެވެ.
ރައްޔިތުން އިތުރަށް ނުފެލައި ތިކުރާ ބޭކާރު ޚަރަދުތައް ހުއްޓާލާ! ޚަރަދު ކުޑަކުރޭ!
— Mohamed Munavvar (@MMunavvar) November 16, 2022
ފަހަކަށް އައިސް ޑރ.މުނައްވަރު ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި ހިމޭނުންނެވެ. އެހެންނަމަވެސް ޗާގޯސް ކަނޑުގެ މައްސަލާގައި ސުވާލު އުފެދޭ ކަންތައްތަކެއް ފެންމަތިވެ، ދިވެހި ސަރުކާރުގެ މިހާރުގެ ޢަމަލުތަކާއި ބައެއް ނިންމެވުންތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުންވާކަމުގެ ތުހުމަތުތަކާއެކު، ޑރ.މުނައްވަރުވަނީ ނުކުމެވަޑައިގެން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވާން ފަށްޓަވާފައެވެ. މިއާއެކު ކުރިއަށް އޮތް ރިޔާސީ ރޭހަށް ޑރ.މުނައްވރު ނުކުންނަވަނީކަމަށްވެސް ބައެއް މީހުން ވާހަކަދައްކައެވެ. އެހެންނަމަވެސް އަދި އެފަދަ އެއްވެސް އިޝާރާތެއް ޑރ.މުނައްވަރު ނުކުރައްވައެވެ.
ކޮމެންޓު ފޮނުވާ