ލީގުގެ ތިންވަނަ ބުރުގައި 8 ޓީމު ވާދަކުރާނެ

ލީގުގެ ތިންވަނަ ބުރުގައި 8 ޓީމު ވާދަކުރާނެ

ގުޅުންހުރި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުރިއަށް އޮތް ސީޒަން ރާވާފައިވަނީ މުބާރާތުގައި ވާދަކުރާ އަށް ޓީމު ވެސް ތިން ވަނަ ބުރު ކުޅޭ ގޮތަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އެއިދާއިރާއިން " ލެޓްސްޓޯކް ފުޓްބޯޅަ" ޝޯގައި އިސްމާއިލް ރިޔާޒް ވިދާޅުވީ މިހާރު ރާވާފައިވަނީ ލީގުގެ އަށް ޓީމު ވެސް ތިން ބުރުގައި ކުޅޭ ގޮތަށް ކަމަށެވެ. މިދިޔަ ސީޒަނުގައި ގަވާއިދުގައި އޮތީ ތިން ވަނަ ބުރުގައި ކުޅޭނީ ނުވަ ޓީމުގެ މެދުގައި ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު ކަމަށެވެ. އެކަމަކު ތިން ވަނަ ބުރު ކުޅުނީ ހަ ޓީމާ އެކު އެވެ. އެއީ ގައުމީ ޓީމަށް ވަގުތު ދިނުމަށާއި އެހެނިހެން ކަންކަމަށް ނެގި ބްރޭކްތަކުގެ ސަބަބުން ސީޒަން ދިގުލައި ގޮސްފައިވާތީ އެވެ. ލީގުގެ ފަހު ބުރަށް ވާނެ ގޮތެއް ނޭނގޭތީ އޭރު ގިނަ ޓީމުތަކެއްގެ ކޯޗުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެފްއޭއެމުން މި ސީޒަނަށް ކަލަންޑަރު ރާވާލާނީ ސީޒަންގެ ހުރިހާ މުބާރާތެއް ވެސް ބޭއްވޭ ގޮތަށް ކަަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. ރިޔާޒް ވިދާޅުވީ ލީގަށް ފަހު މި ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށްގެންދާ ގޮތަށް މިހާރު ކަލަންޑަރުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމަކީ މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ފުރަަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ މާލީ މައްސަލަތަކާ އެހެނިހެން ގިނަ ކަންތައްތައް ފުރިހަމަނުވާތީ ސަސްޕެންޑްކޮށްފަ އެވެ.

އެފްއޭއެމް އިން ލީގު ފަށަން ނިންމާފައިވަނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *