ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނޭހުމުން ސަރުކާރު މެމްބަރު ރަތަށް!

ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނޭހުމުން ސަރުކާރު މެމްބަރު ރަތަށް!

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށްބުނެ ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަ ބިލަށް މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް ނާހައި މަޖިލިސް ނިންމާލުމުން މަޖިލީހުގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ތަޅުމުގައި އިހުތިޖާޖުކޮށްފިއެވެ.

މަޖިލިސްގެ މިއަދުގެ މެންދުރު ފަހުގެ މަސައްކަތް އެކެއްޖެހިއިރު ފެށިއިރު، މިއަދުގެ ވޯޓުގެ ގަޑީގައި ޓެކްސް ބިލަށް ވޯޓަށް އަހާނެކަމަށް ބަލައި ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން ވަނީ ތަޅުމަށް ވަޑައިގެންފައެވެ. މުޅި މަޖިލިސް ކޮމެޓީން ހުށަހެޅި ބިލުގެ ބަހުސްއަށް ހުޅުވާލުމުން އެއްވެސް މެމްބަރަކު ވާހަކަ ދައްކަވަން އެދިފައި ނެތްކަމަށް މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި މެމްބަރު ހަސަން ވަނީ ވިދާޅުވެފައެވެ.

އަދި އެހެން ވިދާޅުވުމަށްފަހު ތަޅުމަށް ބަލައިލުމަށްފަހު މިއަދުގެ ތަޅުމުން އެރިޕޯޓަށް ވޯޓަށް އެހޭނެ އަދަދަކަށް މެމްބަރުން ނެތްކަމަށް ވިދާޅުވެ ވަނީ މިއަދަށް މަޖިލިސް ނިންމާލާފައެވެ. ނަމަވެސް އެވަގުތު ތަޅުމުގައި ތިއްބެވި މެމްބަރުންގެ އަދަދެއް އަދި އެވޯޓުގައި މެމްބަރުން ތަޅުމުގައި ތިބެންޖެހޭ އަދަދެއްވެސް އަފީފް ވިދާޅުވެފައި ނުވެއެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމް ބިލްތަކަށް މަޖިލީހުގައި ވޯޓަށް އެހޭނީ ޖަލްސާގައި މަޖިލިސް މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުން ތިއްބަވައިގެންނެވެ. އެއީ 58 މެންބަރުންނެވެ.

ގިނަ އަދަދެއްގެ މެމްބަރުން ތަޅުމުގައި ވަޑައިގެން ވޯޓު ދެއްވުމަށް ތިއްބައި ކުއްލިއަކަށް މަޖިލިސް ނިންމާލުމުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އަޑުގަދަކޮށް އަފީފްގެ ނިންމުމާއި ދެކޮޅު ހަދާފައެވެ. އަދި މިއަދު މަޖިލިސް ނިންމާލާފައިވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ޚުދުމުހުތާރު ގޮތަކަށް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލިސް ނިންމާލާފައިވަނީ ޤާނޫނީ އިމުން ބޭރުން ހުދުމުހުތާރު ގޮތަކަށް ކަމުގައެވެ. އަދި މިއީ ސަރުކާރަށް ޖެއްސުން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޅެއްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *