އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ 16 ބިލިޔަން ރުފިޔާ ލިބިފައިނުވާއިރު، އެފައިސާ ހޯދުމަށް ދައުލަތުން އެއްވެސް މަސައްކަތެއް ނުކޮށް ޓެކްސް ބޮޑުކުރުމަކީ ރައްޔިތުން ތާއީދު ކުރާކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާކަން ވަނީ ފާހަގަކޮށްފައެވެ. މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނެއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މިރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަންނަ އަހަރު ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަމަށެވެ.
ކޯވިޑާއި، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއިއެކު މިދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމުން ކުރިމަތިވާނެ ގޮންޖެހުންތައް މާލީ އިދާރާތަކުން ހާމަކުރަމުން ދިޔަނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނީ ރައްޔިތުން ޖީބު ހުސްކުރަން ނޫންކަމަށާއި، ޒިންމާދާރު ކަމާއިއެކު މެމްބަރުން މަސައްކަތް ކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޓެކްސް ބޮޑުކުރަން ނިންމާފައިވާއިރު، މިހާތަނަށް ދައުލަތަށް ނުލިބިހުރި 16 ބިލިޔަން ރުފިޔާ ހޯދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ދަތުރުތައް އެއްވެސް މިންވަރަކަށް މަދުނުކޮށް ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަކީ ރައްޔިތުން އެކަމާއި ނުރުހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރުމަށްވެސް ނިންމާފައެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.