ގިނަ ދުވަސް ތަކަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓަރުގެ ގޮނޑިން ފެނިގެންދާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކުގައި އަޅުވާނެ ދުވަސް އިއުލާން ކޮށްފިއެވެ.
ހަތް އަހަރަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ އަންނަ އަަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މިކަން ވަނީ ކަރަން އަދި ފިލްމްގެ ތަރިންގެ ސޯޝަލް މީޑީއާގައި އިއުލާން ކޮށްފައިއެވެ.
މި ފިލްމް ގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ. އެ ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެ އެވެ.
އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާ މި ރޮމޭންޓިކް ކޮމެޑީއަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ތިނެސްކަން ލޯބީގެ ފިލްމުތައް ބޮލީވުޑްގައި އަަންމު ނަމަވެސް މި ފިލްމު ތަފާތު ވަނީ މި ފިލްމުން ދުވަސްވީ ތިން މީހެއްގެ ލަވް ޓްރޭންގަލް ފެނިގެން ދާތީއެވެ.
’ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަކީ 'ގަލީ ބޯއީ' އަށް ފަހު އާލިޔާ އާއި ރަންވީރު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވާއިރު، އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސަަައިފް އަލީ ޚާނާއި އަމްރީތާގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ފިލްމުގައި މަސައްކަތް ކުރާނެއެވެ.