ދިމާވާ ކުދިކުދި ކަންތައްތައް މައްސަލައަކަށް ހެދުމުގެބަދަލުގައި އެކުވެރިކަން ބަދަހިކުރެވޭތޯ ބެލުމަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކީއްވެގެން، ކޮން ކަމަކާ ގުޅިގެންކަމެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އެމަނިކުފާނު މިހެން ވިދާޅުވެ ޓްވީޓުކުރެއްވުމުން އެއަށް ޖަވާބުދިން ގިނަ މީހުން އެކަނ ގުޅުވާލީ، މެދުޒިޔާރަތުގައި ދިދަ ނެގުމާއެވެ. ބައެއް މީހުން ބުނީ މެދުޒިޔާރަތުގައި ދިދަ ނެގުމަކީ ކުޑަކަމެއްކަމަށް ދެކެވަޑައިގަތަސް އެއީ އެކަމުން ވަރަށްބޮޑު ނުބައި ނަތީޖާއެއް ނުކުމެދާނެކަމެއްކަމަށެވެ. އެހެންމީހަކު ބުނީ އުވި، ނެތިގޮސްފައިވާ ކުދިކުދި ގޯސް ކަންކަން އަލުން އާލާކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދޭކަމަށެވެ.
ޒިޔާރަތްތަކަށް ނަދުރު ބުނުމާއި، ވަކިކަމެއް ނުވުމުން އެކިއެކި ޒިޔާރަތްތަކަށް ގޮސް އެތަނުގައި ވަޅުލާފައިވާ މައްޔިތާއަށް ނިސްބަތްކޮށް ކަންކަމުގައި އެދި ދުޢާކުރުމާއި އެކިއެކި މުނާސަބަތްތަކުގައި ޒިޔާރަތްތަކަށް ދިދަ ނެގުމަކީ އިހުގައި ރާއްޖޭގައި އޮތް އާދައެކެވެ. އެކަންކަން އެގޮތަށް ކުރުމުން ބަރަކާތްލިބި އެދޭ ކަންކަން ޙާސިލްވެ ރައްކާތެރިކަން ލިބޭނެކަމަށް އޭރުގެ މީހުން ޤަބޫލުކުރިއެވެ. އަދި ބައެއް ޒިޔާރަތްތަކުގައި ބަޅުލާފައުވާ މީހުންނަކީ މާތް ވަލީވެރިންކަމަށާއި އެމީހުންނަށް ދެންނެވުމުން ކަންކަން ވާނެކަމަށްވެސް ބައެއް މީހުން ޤަބޫލުކުރިއެވެ. އެއީ ދީނީގޮތުންވެސް އޭރުގެ ގިނަބަޔަކު ޤަބޫލުކުރި ކަމެކެވެ. އެހެންނަމަވެސް އެއީ ދީނީގޮތުން ބަލާއިރު އެއްވެސް ހަޤީޤަތެއް އަސްލެއް ނެތް ޚުރާފީ، ބިދުޢަވެރި ކަންކަންކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. މި އާދަތައް ރާއްޖެއިން މުޅިންހެން ނެތިގޮސްފައި އޮތްނަތާ މިހާރު 30 އަކަށް އަހަރު ވެއްޖެއެވެ.
އޭގެފަހުން އިހަށްދުވަހު މިހާރުގެ ހެރިޓޭޖު މިނިސްޓްރީން އިންތިޒާމުކޮށްގެންވަނީ މާލޭ މެދު ޒިޔާރަތުގައި އަލުން އިހު ނެގިފަދަ ދިދަތައް ގަނައި އެކަން ފާހަގަކޮށްފައެވެ. ހެރިޓޭޖު މިނިސްޓަރަކީ ރައީސް މައުމޫނުގެ ދަރިކަލުން ޔުމްނާ މައުމޫނެވެ. މެދު ޒިޔާރަތުގައި އަލުން ދިދަ ނެގުމުން ދީނީ އިލްމުވެރިންނާއި ޢާންމުންގެތެރެއިންވެސް ގިނަބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ އުވިގޮސްފައިވާ ޚުރާފީ ބިދުޢަވެރި ކަމެއް އަލުން އާލާކުރުންކަމަށް އެމީހުން ސިފަކުރިއެވެ.
އެހެންނަމަވެސް ޒިޔާރަތުގައި ދިދަނެގުން ދިފާޢުކުރައްވައި މިނިސްޓަރ ޔުމްނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޔުމްނާ ވިދާޅުވީ އެއީ ސަޤާފީ ތާރީޚީ ކަމެއްކަމަށެވެ. ދީނީ ކަމެއް ނޫންކަމެވެ. ފަހުން މައްސަލަ ބޮޑުވެ މެދު ޒިޔާރަތުގެ ދިދަ ވަނީ ބާލާފައެވެ.
ރައީސް މައުމޫން ޓްވީޓުކުރެއްވީ މިކަމާމެދު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ގިނަބަޔަކު އެޓްވީޓު ގުޅުވީ މިކަމާއެވެ.
One Response
މައުމޫނުގެ ވާހަކަޔަކީ ކިތައްމެ ނުބައިކަމެއް ކުރިޔަސްމަސްއަލަޔަކައް ނަހަދާ އަމަލު ކުރަންވީ އެނުބައި އަމަލަކީ މާބޮޑު ކަމެއް ނޫން ކަމައް ހަދާފަ އެބަޔަކައް ހިއްވަރު ލިބޭ ގޮތައްކަން‘ތައް ކުރުން އެއީއެއްމެ މޮޅުގޮތް ކަމައް އަސްލުވެސް ދީނީތައުލީމު އުގެނި ގެން ހުރި ކަމައް ދައުވާ ކުރިޔަސް މުނާފިގުންގެ ހުރިހާ ސިފަތަކެއް މީނާގެ ނެތެކޭ ނުބުނެވޭނެ ދުނިޔާބަނޑުދަށައްނުލެވިގެން އުޅޭ މީހެއްމީނަޔަކީ