ޓެކްސް ބޮޑުކުރުމަކީ ވަރަށްބޮޑު ބޭއިންސާފެއް: ޙަސަން ލަތީފް

ޓެކްސް ބޮޑުކުރުމަކީ ވަރަށްބޮޑު ބޭއިންސާފެއް: ޙަސަން ލަތީފް

އެކި ގޮތްގޮތުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ހޯދުމުގެ ބަދަލުގައި ޓެކްސް ބޮޑުކުރުމަކީ ވަރަށްބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެ އެކަން ހުއްޓުވައިދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަތީފް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވައިފިއެވެ.

ޙަސަން ލަތީފް ވިދާޅުވީ، އެކި ގޮތްގޮތުން ސަރުކާރަށް ދައްކަންޖެހި ނުދައްކާހުރި ފައިސާގެ ޢަދަދު 15 ބިލިޔަނަށްވުރެ ބޮޑުކަމަށެވެ. މިހެން މިކަން އޮއްވައި މިފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް އަނެއްކާވެސް ރައްޔިތުން ދައްކާ ޓެކްސް ބޮޑުކުރުމަކީ ވަރަށްބޮޑު ބޭއިންސާފެއްކަމަށެވެ. ހަސަން ވަނީ މިކަން ހުއްޓުވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައްވާފައެވެ.

ޙަސަން ލަތީފަކީ ރައީސް ނަޝީދަށް ތާޢީދުކުރައްވާ މެމްބަރެކެވެ. ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ދެބައިވެފައެވެ. އެއްބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުކުރާއިރު އަނެއްބަޔަކު ތާޢީދުކުރަނީ މަޖިލިސް ރައީސް ނަޝީދަށެވެ. ޓެކްސް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޝީދަށް ތާޢީދުކުރާ ގިނަ މެމްބަރުން ދެކޮޅެވެ.

މިދިޔަ މަހުގެ 31ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ވަނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ފާސްކޮށްފިއެވެ. އެހެންނަމަވެސް ސަރުކާރުގެ ހުށަހެޅުމާ އެއްގޮތަށް ޓެކްސް ބޮޑުކުރުމަށް މަޖިލިސް ކޮމިޓީން މިނިންމުން ފާސްކޮށްފައިވަނީ އެކޮމިޓީގައި ތިއްބެވި، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވޭ މެމްބަރުންގެ ތާއީދާ ނުލައެވެ.

މަޖިލިސް ކޮމެޓީން ޓެކްސް ބޮޑުކުރާ ބިލް ފާސްކުރަން ތާއީދު ކުރައްވާފައިވަނީ 50 މެމްބަރެކެވެ. ނުފެންނަކަމަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ. ބެލެވޭ ގޮތުގައި މި ބިލް މަޖިލީހުން ފާސްކުރުމަށް މާދަމާ ވޯޓަށް އަހާނެއެވެ. މާދަމާގެ ޖަލްސާއިން މި އިސްލާހު ފާސްވެގެން ދިއުމާއެކު، އަންނަ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީ %8އަށް ޓީޖީއެސްޓީ %16އަށް ބޮޑުވެގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *