މާފަންނު ސެންރޯސް ގޭގައި ހިންގަމުން ގެންދިޔަ ގަރާޖެއްގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވެފައިވާ އިތުރު މީހުން އަދިވެސް ދަނީ ފެންނަމުންނެވެ.
މިހަތަނަށް ޔަގީން ކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް މިހަދިސާގައި 11 މީހަކު ވަނީ މަރުވެފައެވެ.
މިއަދު ހެދުމުގެ ވަގުތުގައި އެމްއެންޑީއެފްއިން މައުލުމާތު ދީފައިވަނީ މ. ނިރުފެހީގައި ދިރިއުޅޭ މީހުންގެ ތެރެއިން ނުވަ މީހަކު މަދު ކަމަށް ފާހަގަ ކުރެވިގެން މީހުން ހޯދަމުން ދަނިކޮށް ނިޔާވަފައިވާ އިތުރު މީހުންގެ ހަށިތައް އެ ގޭތެރެއިން ފެނިފައި ވާކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އެންމެ ފަހުން އަޖީއެމްއެޗަށް ގެންދެވުނީ އަންހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ ނިޔާވެފައެވެ. މިހާދިސާގައި ނިޔާވި މީހުނަކީ ކޮންބައެއްކަން އަދި ސާފުވެފައި ނުވިނަމަވެސް، މީގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ ބިދޭސީންކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާ އެމްބަސީންވަނީ މި ހާދިސާގައި އެގައުމުގެ ރައްޔިތުން ހިމެނޭކަން ޔަގީން ކޮށްދީފައެވެ.
ރޭގެ ދަންވަރުގެ ވަގުތުގައި މި ގަރާޖުގައި ރޯވި އަލިފާން ނިއްވާލާފައި ވާއިރު، މިހާދިސާގައި ފިހުނު ބައެއް މީހުން އެންބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. އަދި އެއަށްފަހު އަލިފާން ނިއްވާ ފަރާތްތަކުން ބޮޑީ ބޭގްތަކުގައި ބައެއް މީހުންގެ ހަށިގަޑު އެމްބިއުލާންސަށް އެރުވި މަންޒަރުތައްވެސް ވަނީ ފެނިފައެވެ.
އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ގަރާޖުގައި ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގެ މެންދަމު 12:30 ހާއިރު ކަމަށެވެ. އަދި މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހަދިސާއެއް ހިނގައިގެން އެފްއާރުއެސްއިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ޓުވީޓު ކޮށްފައި ވެއެވެ. ގަރާޖުގައި ރޯވި އަލިފާން ނިއްވުމުގެ އެމްއެންޑީއެފްގެ އިތުރުން އާންމުންގެ ބައެއް ފަރާތްތަކުންވެސްވަނީ ހަރަކާތްތެރި ވެފައެވެ. އަލިފާން ގަޑު ނިއްވާލެވިފައިވަނީ 4 ގަޑިއިރުގެ މަސައްކަތުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވުމުގައި މަސައްކަތް ކުރި ފަރާތްތަކުން އަދިވެސް ދަނީ މި އިމާރާތުގެ އެތެރޭގައި ތިބި ބައެއް ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެނގިފައިފާ ގޮތުގައި މަރުވައިވާ ބައެއް މީހުން ފެނިފައިވަނީ އެއްތަނެއްގައި ތިއްބައެވެ.
މިހާދިސާގައި ނިޔާވި ބައެއް މީހުންގެ ހަށިތައް މިހާރުވަނީ ގަލޮޅު ސަހަރާއަށް ގެންދެވިފައެވެ.
މިއީ މާލޭގައި ހިނގި އަލިފަނުގެ ހަދިސާއެއްގައި، ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަކަށް މީހުން މަރުވެފައިވާ ހާދިސާއެވެ. މިހާދިސާ ހިނގި ގަރާޖުގައި ދިރިއުޅޭ މީހުން ކައްކަން ބޭނުންކުރާ ވަރަށް ގިނަ އަދަދެއްގެ ގޭސްފުޅިތައް އަލިފާން ރޯވި ގޭގައި ބޭނުންކުރަމުން އައިކަމަށް ހާދިސާއާއި ގުޅޭ ބައެއް މައުލޫމާތު ކަބަރު އޮންލައިންއާއި ހިއްސާކުރި ބައެއް މީހުން ބުނެފައި ވެއެވެ. އަދި ބިދޭސީން ދިއިރު އުޅެމުންދިޔަ މި ގެއަކީ ވަރަށް ކުދިކުދިކޮށް ހަދާފައިވާ ތަނެއްކަމަށާއި މި ތަނުގައި ކުދިކުދި 28 ކޮޓަރި ހުންނަކަމަށްވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
މިގޭގައި ހިންގަމުންދިޔަ ގަރާޖުގެ ވެރިފަރާތުން ބުނެފައިވަނީ އެ ތަނުގައި މުޅިން ވެސް މަސައްކަތް ކުރަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ މީހުން ކަމަށެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިހާދިސާގައި މަރުވި ގިނަ މީހުންނަނީ އިންޑިއާ މީހުންނެވެ.