އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ފައިނަލަށް ގެންދިއުމުގެ ހުރިހާ ބާރެއް އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ.
ވޯޓުގެ ނަތީޖާ މިހާރު ދައްކާގޮތުން ދަނގަޑޭ ކުރީގައި އޮތްނަމަވެސް މިއީ އެއްގޮތަކަށްވެސް ވޯޓު ދިނުމަށް ފަރުވާ ކުޑަކޮށްލަންވީ ވަގުތެއްނޫނެވެ. އާބާދީގެ ގޮތުން ބަލައިލި ކަމުގައި ވީނަމަވެސް ރާއްޖެއާއި އަޅާބަލާއިރު، އެތައްގުނަ ބޮޑު އާބާދީއެއް އޮތް ވިއެޓްނާމްގެ ގުޔެން ގުއެންގް ހައި ބަލިކުރެވޭނެ ކަމުގެ އުންމީދު އެބައޮތްކަން މިހާރުގެ ނަތީޖާއިންވެސް ހާމަވެއެވެ. އެހެންކަމުން މާދަމާގެ އެކެއް ޖެހުމާއި ހަމައަށް ދިވެހި ރަޔިތުން މިހާރުވެސް ޤައުމީ ކަމެއްގެ ގޮތުގައި ދެކި އަޝްފާގަށް ވޯޓު ދިނުމުގައި ކުރަމުން ތިގެންދަވާ މަސައްކަތަކީ މި ޗެލެންޗް ރާއްޖެއަށް ކާމިޔާބް ކުރުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅަށް ވެގެންދާނެއެވެ.
މިވަގުތުގެ ނަތީޖާ ދައްކާގޮތުން އަޝްފާގަށް ލިބިފައިވަނީ 53 އިންސައްތަ ވޯޓެވެ. އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ އަށް ލިބިފައިވަނީ 46 އިންސައްތަ ވޯޓެވެ.
ސެމީ ފައިނަލް ގައި އަޝްފާޤާއި ވާދަކުރަނީ އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ވިއެޓްނާމްގެ ގުޔެން ގުއެންގް ހައިއާއިއެވެ. ވޯޓުހޯދުމަށް ވިއެޓްނާމުގައިވެސް އިއްޔެ އިން ފެށިގެންދަނީ ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. ދިވެހިންގެ ފަހުރުވެރި ޤާއުމި ކުޅިވަރު، އަދި ފަހުގެ ތާރީހުގައި ދިވެހިންގެ އުންމީދުތަށް ފުޓުބޯޅާގައި ހަސިލް ކޮށްދިން ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤާއިއެކު ދިވެހިންނަށް ފައިނަލަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ރާއްޖޭގެ އާބާދީ ކިތަންމެ މަދު ކަމުގައި ވީނަމަވެސް އަޝްފާޤާއިއެކު ސެމީއަށް ދިވެހިން ދަތުރުކުރީވެސް ހަމަ ދިވެހި ރައްޔިތުންގެ ވޯޓުންނެވެ.
"އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ވަނީ ހޯދާފައެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. މިއަދު މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.
އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރާ އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރާ އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.
ދިވެހިންނަކީ މިހާތަނަށްވެސް ކުރަން ނިކުތް ކޮންމެ ކަމެއްގައި ކާމިޔާބީއާއި ހަމަޔަށް ވާސިލް ވަންދެން ގަދައަޅައި މަސައްކަތް ކޮށް ނަތީޖާ ނެރެފައިވާ ބައެވެ. އެހެންކަމަށްވުމުން އަޝްފާޤާއިއެކު ފައިނަލަށް ނުދެވެންވީ ސަބަބެއް ނެތެވެ.